ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރަންވޭއަށް ދިމާވި މައްސަލައެއްގައި ބައެއް ފްލައިޓުތައް ޑައިވާޓްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހަވީރު އެއާޕޯޓަށް ޖައްސަންއައި ބައެއް ފްލައިޓްތައް ޑައިވާޓް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ދިމާވީ، ރަންވޭއަށް ބައެއް ނެއްޓިގެން ދިމާވި މައްސަލައެއްގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ބައެއް ނެއްޓިގެން، އެއާޕޯޓަށް ޖައްސަން އައި ބައެއް ފްލައިޓުތައް ނުޖެއްސި ވަގުތުތަކެއް ހޭދަވިކަމަށާއި އެކަން ހިނގައި ދިޔައީ މިއަދު ހަވީރު ގަދައަށް ވާރޭ ވެހި ވިއްސާރަވި ވަގުތުގައި ކަމުގައެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނެފައިވަނީ ރަންވޭއިން ތަންކޮޅެއް ނެއްޓިފައިވަނީ ބޭނުން ކުރާ ހިސާބެއްގައި ނޫން ނަމަވެސް އެކަމުގެ ބާވަތުން އެކަން އިންސްޕެކްޓް ކުރުމަށްޓަކައި ވަގުތުތަކެއް ދިޔައީ ކަމުގައެވެ.

އެކަން ދިމާވެގެން އުޅުނު ވަގުތު ސްރީލަންކަންގެ ފްލައިޓަކަށް ނުޖެއްސި، މަތީގައި މަޑު ކުރެވޭނެ ވަރަށް ތެޔޮ ނެތުމުން، އަނބުރާ ގޮސްފައިވާކަމަށާއި އަދި އައިލެންޑް އޭވިއޭޝަންގެ ފްލައިޓެއްވެސް ނުޖެއްސިގެން އަނބުރާ ކައްދޫ އެއާޕޯޓަށް ތެޔޮ އަޅަން ދިޔަކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ މިއަދު ހަވީރު އެ މައްސަލަ ދިމާވި ނަމަވެސް މިހާރު ޝެޑިއުލްއާ އެއްގޮތަށް ފްލައިޓުތައް އެއާޕޯޓުގައި ޖައްސަމުންދާ ކަމަށެވެ.