ތުރުކީއާއި ރާއްޖެއާ ދެމެދުގެ ދަތުރުތައް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމަތު ނޫރީ އާސޯއީ މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަޝްވަރާ ކުރައްވާފައި ވަނީ ރައީސްގެ އަރިހަށް އާސޯއީ ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ކަމަށެވެ.
ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އާސޯއީ ވަނީ ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރުކޮށް ޓޫރިޒާމާއި ތައުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައި ކަމަށާއި ތުރުކީގެ އިންވެސްޓްމެންޓުތައް ރާއްޖެ ގެނައުމަށް ހުރި ފަހި ފުރުސަތުތައް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒު ތުރުކީއަށް ރަސްމީ ދަތުފުޅެއް ކުރެއްވުމަށް ދައުވަތުދެއްވާފައިވާ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ތުރުކީގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްްގޮތްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާހަގަކުރައްވާފައި ވެއެވެ.
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަވެސް ރޭ ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައި ވެއެވެ. އަދި ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސްއަށް ދައުވަތު ދެއްވާފައިވާއިރު، ދެގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައި ވެއެވެ.