ޚަބަރު

ގުރައިދޫގައި ހުންނަ، މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއްނޫން: ރައީސް

އިބްރާހިމް ޒަކީ

ގުރައިދޫގައި ހުންނަ، މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއްނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އޯލިހު ވިދާޅުވެއްޖެއެވެ.

ދޮށީ އުމުގެ މީހުންނަށް އެކި ހަރަހާތްތައް ހިންގާ، މަންފާ ސެންޓަރަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު އޯލިހު ވިދާޅުވީ، ދޮށީ އުމުރުގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ފުރިހަމަ ނުކުރެވޭ މީހުންގެ އަދަދުވެސް ދާނީ އިތުރުވަމުން ކަމަށެވެ.

އަދި ބައެއް ހާލަތްތަކުގައި އެފަދަ ބައެއް މީހުންގެ ބެލެނިވެރިކަމާ ދައުލަތުންވެސް ހަވާލުވާން އެބަޖެހޭ ކަމަށާއި، ގާތްތިމާގެ މީިހުންތިބި އެފަދަ ބައެއް މީހުންވެސް ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގުރައިދޫގައި ހުންނަ މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއްނޫންކަމަށް ގަބޫލުފުޅު ކުރައްވާކަމަށާއި، އެއަށްވުރެ ފެންވަރު ރަނގަޅު، އަދި ވަސީލަތްތައް ތަނަވަސް ތަނެއް އެކަމަށް ބޭނުންވާ ކަމަށެވެ.

" އަޅުގަނޑުމެން ގަބޫލު ކުރަން ގުރައިދޫގައި ހުންނަ މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއްނޫން. އެއަށްވުރެ ފެންވަރު ރަނގަޅު އަދި ވަސީލަތްތައް ތަނަވަސް ތަނެއް އެކަމަށް ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ މަރުކަޒަކުން، އެއުމުގެ މީހުންގެ ހެލްތު ސްކްރީނިންގ ހަދައި، ސިއްހީ ހާލަތު ވަޒަން ކުރެވޭނެ ގޮތްތައް ހުންނަންޖެހޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޖް ކެއަރ މޯލްޑިވްސް ގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރުގެ ފައުންޑާ މެންބަރުން ކަމުގައިވާ ޑޮކްޓަރ އާމިނަތު ޖަމީލާއި އެކަމަނާގެ ފިރިކަލުން މުޙައްމަދު އިސްމާޢީލް އަށާއި މަރުކަޒުގެ އިސް ވެރިންނަށާއި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މެދު ނުކެނޑި 15 އަހަރު ޚިދުމަތް ދިނުމަކީ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، 10 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހަނދާނީ ފިލާ ދެއްވިއެވެ.