ޚަބަރު

ދޮށީ ޢުމުރުގެ ކޮންމެ މީހަކަށްވެސް އަޅާލައި އިޙްތިރާމް ކުރަންޖެހޭނެ: ރައީސް

އިބްރާހިމް ޒަކީ

ދޮށީ ޢުމުރުގެ ކޮންމެ މީހަކަށް އަޅާލައި އިޙްތިރާމް ކުރުމަކީ، އަޅުގަނޑުމެންގެ ޅަކުދީންނާއި ޒުވާނުންގެ ކިބައިގައި ހަރުލައްވަން ޖެހިފައިވާ ސިފައެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދޮށީ އުމުގެ މީހުންނަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ "މަންފާ ސެންޓަރ" އަށް 15 އަހަރު ފުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކަމޭހިތައި އޯގާތެރިވާންވީ ހަމައެކަނި ތިމާގެ މަންމަޔާއި ބައްޕައަށްނޫން، ކަމަށާއި ދޮށީ އުމުރުުގެ އެންމެނަށްވެސް ލޯތްބާއި އަޅައި ކުމާއި އެހީތެރިކަމާއި އިހުތިރާމު ދޭން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ދޮށީ ޢުމުރަށް ދިޔުމުން ދައުލަތުގެ ބަޖެޓުން އެލަވަންސެއް ދީފައި ގޭގައި ބެއިތިއްބުމަކީ އެމީހުންނަށް އެންމެ ފައިދާ ހުރި ގޮތްނޫން ކަމަށެވެ. އޭގެ ބަދަލުގައި ޙަރަކާތްތެރި ދިރިއުޅުމަކަށް އެމީހުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ މާ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައިވިޔަސް މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ. ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުސްކުޅިވިދުވަހު ލޯބިދީ އަޅާލާނެ ދަރިން ކައިރީގައި ނެތުމުގެ ހިތްދަތި އިހުސާސް ކުރާމީހުން މަދުނޫން ކަމަށެވެ. އެ ހިތްދަތިކަން ވަށައިލުމުން އެމީހުންނާ ދެން ބައްދަލު ކުރަނީ ނަފްސާނީ މައްސަލަތައްކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދޮށީ އުމުރަށް ދިއުމުން މައިން ބަފައިން އެންމެ ބޭނުންވާނީ، ކައިރީގައި ހިދުމަތްކޮށްދޭން ހުންނަ ބިދޭސީއެއްނޫން ކަމަށެވެ. އެ އުމުރުގައި މައިން ބަފައިންނަށް އެންމެ ބޭނުން ވާނީ ދަރިންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ކަމުގައި އެމަ ނިކުފާނު ވިދާޅުވިއެވެ.