ޚަބަރު

ރާއްޖެއަކީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ތަނަކަށް ހަދާނަން: ރައީސް މުއިއްޒު

ދިވެހިރާއްޖެއަކީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތް ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ދިވެހިން އަންނަނީ ޒަމާނުއްސުރެ ރާއްޖެ މިނިވަންކަމުގެ މަތީގައި ބާއްވަމުން ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުން އެދޭ ގޮތް. ދިވެހީންގެ ނަފުސާ ފުރާނައިގެ ނިންމުން. އެހެންކަމުން އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިވެހިންގެ ކަންކަން ނިންމާނީ ދިވެހީން ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާނީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ. އަބަދުވެސް ހުރިހާ ކަމެއްގައި ދިވެހި ރައްޔިތުން އިސްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެން ގައުމެއްގެ ބަޔަކު އަންނާނީ އޭގެ ފަހަތަށް. އަޅުގަނޑު ގައުމުތަކާ ރަހުމަތްތެރިވާނަން. ހަތުރުވެރިކަމެއް ހަސަދަވެރިކަމެއް ނުބާއްވާނަން. އަވައްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމް ކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނަ ރަތް ރޮނގެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން ގައުމުގެ މިނިވަން ކަމަށާއި އެ ގައުމުތަކުގެ ރަތް ރޮނގަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަތް ރޮނގަށް ވެސް އެހެން ގައުމުތަކުން އިހުތިރާމް ކުރަންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމުގައި ކުޑައެއް ބޮޑެއް ގާތެއް ދުރެއް ތަފާތު ވެގެންނުވާނެ. އިރާދަކުރެއްވިއްޔާ އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތު ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެ މަނިކުފާނަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.