ޚަބަރު

މިއަދަކީ ދިވެހީންގެ ރާއްޖެއަށް ދިއުމަށް ދިވެހީން ރިޔާ ކޮށާލި ދުވަސް: ރައީސް ޑރ. މުއިއްޒު

މިއަދަކީ ދިވެހީންގެ ރާއްޖެއަށް ދިއުމަށް ދިވެހީން ރިޔާ ކޮށާލި ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ، މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި މި ވަގުތަކީ ވަރަށް އުންމީދީ ވަގުތެއް ކަމަށެވެ. އަދި މި މައިދާނަކީ ނަސްރާއި ކާމިޔާބީގެ މައިދާނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ހާއްސަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު. މި މައިދާނަކީތޯ؟ މިއީ، ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަހުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ ގައުމުގެ ފަސްގަނޑު ބިނާކުރުމާއި ގައުމުގެ ސިކުނޑިތައް ބިނާކޮށް، ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން ކަމަށެވެ. އިލްމާއި ހުނަރާއި އަހުލާގާއި ދީނާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އަދި ރާއްޖޭގެ ބިނާވެއްޓަށް އާދަޔާ ހިލާފު އިންގިލާބީ މުއްސަނދިކަމެއް ގެނައުމާކީވެސް ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަށަވަރުކޮށްދެން ބޭނުންވަނީ ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަމަށާއި ހާއްސަކޮށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން ކަމަށެވެ.

"މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ހިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ،" ރައީސް ވިދާޅުވިއެވެ.