ޚަބަރު

ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ ޚިދުމަތަށް ލަސްކަމެއް އަތުވެދާނެ: ވެމްކޯގެ

މިދުވަސްކޮޅު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ ވެމްކޯގެ ޚިދުމަތަށް ލަސްކަމެއް އަތުވެދާނެ ކަމަށް އެފަރާތުން ބުނެފިއެވެ.

ވެމްކޯއިން މިއަދު ބުނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވާތީ ޚިދުމަތަށް ލަސްކަމެއް އައި ނަމަވެސް މޫސުން ރަނގަޅުވިހާ އަވަހަކަށް ވެމްކޯއިން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތް އެހެންޏާވެސް ދެމުންގެންދާ ގޮތަށް ކުރިއަށް ގެންދާނެކަމަށެވެ.

ވެމްކޯއިން ބުނީ މިއަދު ވިއްސާރަވުމުގެ ސަބަބުން ބައެއް ގެތަކުގެ ކުނި ނުނަގާ ހުރެދާނެ ކަމަށާއި މިއަދު ނުނެގި ހުރި ކުނިތައް މާދަމާ ނަގާނެކަމުގައެވެ.

އަދި ވެމްކޯގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ލިބިދާނެ އެއްވެސް އުނދަގުލަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ވެމްކޯއިން ބުނެއެވެ.

މިއަދު ކުރި ވިއްސާރައިގަ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ބައެއް ސަރަހައްދުތަކުންވަނީ ފެން ހިންދައިފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.