މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ ގާއިމްކުރި ''ދަރުމަ ކަމާކެމި'' ހަރަކާތުގެ ދަށުން މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް މިސްކިތުފަންޑަށް 465،562.40 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިއަދު ހެނދުނު 9:15 އިން ފެށިގެން ހަވީރު ހައެއް ޖެހުމާ ހަމައަށް ''ދަރުމަ ކަމާކެމި'' ހަރަކާތުގެ ތެރެއިން މިސްކިތު ފަންޑަށް 465،562.40 ރުފިޔާ އަދި ދީނީ ފަންޑަށް ނުވަދިހަ ތިންހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމުގައެވެ. މީގެ އިތުރުން މިސްކިތު ފަންޑަށް 551.29 ޑޮލަރު އަދި ޢިލްމީ ފަންޑަށް 205.77 ޑޮލަރު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ''ދަރުމަ ކަމާކެމި'' ހަރަކާތުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން މާދަމާ މެންދުރުފަހު 13:00ން ފެށިގެން މިހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވާކަމަށެވެ. މިހަރަކާތުގެ ވަގުތު އިތުރުކުރީ މިއަދު ވިއްސާރަވުމުގެ ސަބަބުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުންޏެވެ.