ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ކަނޑު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާކަމުގައެވެ.

އެގޮތުން ދަތުރުކުރާ ނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ފަހު ނޫނީ ދަތުރަށް ނުފެއްޓުމަށާއި ރޭގަނޑު ދަތުރުތައް ކުރާނަމަ، އިތުރަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ ކަމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަން ލާފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން ޑައިވިންގ ކުރުމާއި، އެހެނިހެން މޫދު ކުޅިވަރުތައް ރާވާހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާހިންގުމަށާއި، ފަޅުތެރެ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ދަންނަވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.