މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި ފެންބޮޑުވެ، އެކި ރަށްރަށުގެ ބައެއް ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާތީ އެފަދަ ކަންކަމުގައި ސަމާލުވާންޖެހޭ ބައެއް ކަންތައްތައް ހެލްތު ޕްރޮޓެކްޝަަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފިއެވެ
ފެންބޮޑުވެ އެކަމުގެ ސަބަބުން ފެތުރިދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް އަމަލުކުރެވިދާނެ މައިގަނޑު ހަތް ކަމެއް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އެކަންތައްތަކަކީ،
1. ފެންހިންދާ، ސާފުކޮށް ނިމެންދެން ފެނުގެ އަސަރު ކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުން
2. ނަރުދަމާ، ޖަންގްޝަން ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބޭރުވެފައިވާނަމަ ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓުގެ އެހީތެރިކަން ހޯދުން
3. ހަމުގެ ފާރުގަނޑެއް ހުރިނަމަ ފެނުގައި ޖެހުނަ ނުދިނުމާއި ފެން ހިންދުމުގަ އާއި ސާފު ކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެނަމަ ފެން ނުވަންނާނެހެން މަލަން އަޅައި ފާރުގަނޑު ފޮރުވުމާއި، ފެން ހިންދުމުގަ އާއި ފެން ހިންދުމަށްފަހު ސާފުކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް އަންގި އާއި މާސްކު ފަދަ ތަކެތި ބޭނުންކުރުމަށްފަހު، މަސައްކަތް ނިމުމުން އެ ތަކެތި ރަނގަޅަށް ބަންދުުކުރުމަށްފަހު އުކާލުން
4. ދޮވެ ޑިސްއިންފެކްޓް ނުކުރެވޭފަދަ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ (މިސާލަކަށް ގޮދަޑި، ސޯފާގެ ފޮއްޗާއި އިސްޕަންޖުބައި، ބާލީސް، ފޮތް އަދި އެހެނިހެން ކަރުދާސް ފަދަ ތަކެތި) އުކާލުން
5. ކުޑަކުދިން ކުޅެން ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި އުކާލުން
6. ފެން ހިންދާ، ކުންޏާއި ތަޣައްޔަރު ވެފައިވާ ތަކެތި އުކާލުމަށްފަހު، ފެނުގެ އަސަރު ކޮށްފައިވާ ފާރާއި ތަޅުންގަނޑު އަދި ފަރުނީޗަރު، ފެނާއި އޯމޯ އަދި ބުލީޗް ލައިގެން ދޮވުމަށްފަހު މުޅިން ހިކެންދެން ބެހެއްޓުން
7. ސާފު ކުރުމަށް ލައިގެން ހުރި އަންނައުނު އެހެން އަންނައުނާ ވަކިން ދޮވުން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ މިފަދަ ދުވަސްވަރެއްގައި މިދެންނެވި ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.