އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުމާ ފަތްކޮޅު އެރުވުން އޮނާނީ މާދަމާ ރޭ އިރާކޮޅު 7:30 ގައިކަން އެނގިއްޖެއެވެ.
އިންތިހާބީ ރައީސްގެ ކެބިނެޓްގައި އެޓާނީ ޖެނެރަލް އާއި އެކު ޖުމުލަ 22 ބޭފުޅުން ތިއްބަވާނެއެވެ. އޭގެ ތެރޭގައި އަންހެން ތިން މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.
މުއިއްޒުގެ ސަރުކާރުގައި ބައެއް މިނިސްޓްރީތައް އެއްކޮށްލައި ބައެއް މިނިސްޓްރީތައް ވަކިކޮށްފައިވާ އިރު، މުޅީން އަލަށް ދެ މިނިސްޓްރީއެއް އުފައްދަވައެވެ. އެއީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއަކާ ލޯކަލް ގަވާނަންސް މިނިސްޓްރީއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އިންތިހާބީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވައި ކުރައްވާ ރިޔާސީ ދައުރު ފެއްޓެވުމާއެކު މާދަން ރޭ 7:30ގައި 22 މިނިސްޓަރުން ރައީސް އޮފީހުގައި މިނިސްޓަރުކަމުގެ ހުވާކުރައްވާނެއެވެ.
މުއިއްޒުގެ އަމާޒަކީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމެވެ.
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބަވާނީ ރައްޔިތުންނާ ގާތުޖް ހިދުމަތް ދެވޭނެ އަދި ގާބިލު ބޭފުޅުންނެވެ. އެ ހުރިހާ ބޭފުޅުންނަކީވެސް އިތުބާރު ހިފޭ އަދި އެބޭފުޅުންގެ މައްޗަށް އެމަނިކުފާނަށް ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށެވެ.