ޚަބަރު

ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނެތީ، މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިޔާތަށް ޔާމީން ވަޑައިނުގަންނަވާނެ

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާން، ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

މާދަން ހަވީރު، ޖުމުހޫރީ މައިދާނުގައި އޮންނަ ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ރައީސް ޔާމީނަށް ފޮނުއްވައިފައެވެ. އެ ދައުވަތު ފޮނުއްވާފައިވަނީ މަޖިލިސް ރައީސް ކަމުގެ މަގާމުގައި، މުހައްމަދު ނަޝީދު ހުންނެވި އިރުއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ ކުޅިވަރުކުޅުއްވުމާއި ކަސްރަތު ކުރައްވައި، އަދި މީހުންނާ ވެސް ބައްދަލުކުރެއްވޭ ގޮތަށެވެ. އެހެން ނަމަވެސް އެ މަނިކުފާނު ގެއަށް ބަދަލުކުރި ފަހުން، ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވި މައްސަލައިގައި ކަރެކްޝަނުން ވަނީ އެ ފަދަ ކަންކަން ތަކުރާރު ވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އޭގެ ފަހުން، ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފައެއް ނުވެއެވެ.

އިންތިހާބީ ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ޔާމީން ވަޑައިގަތުމާ ގުޅޭ ގޮތުން، އެ މަނިކުފާނުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމަށް "ވަން" އިން މިއަދު ސުވާލު ދެންނެވުމުން ވިދާޅުވީ، ރައީސް ޔާމީން ގެންދަވަނީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރައްވަމުން ކަމަށާއި އެ ހާލަތުގައި ޖަލްސާއަށް ވަޑައިގަތުމަކީ ރަނގަޅު ކަމެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން، ޖަލްސާއަށް ވަޑައިނުގަންނަވާނެ ކަން، ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވާނީ އަންގަވައިފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޖިނާއީ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތު ބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ރައީސް ޔާމީން ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ގަބޫލުކުރާ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް ޔާމީން ގަބޫލުފުލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.