ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ހައްޖު ކޯޓާ އާއި ޒަކާތު ފަންޑުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނަން: ފައިސަލް

ހައްޖު ކޯޓާ އާއި ޒަކާތު ފަންޑުގެ ފައިދާ، ރައްޔިތުންނަށް ވާނެ ފަދަ ގޮތަކަށް މަސައްކަތް ކުރައްވާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ''ދަރުމަ ކަމާކެމި'' ހަރަކާތް މިއަދު އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ، ރައްޔިތުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް މިސަރުކާރުން ނުކުރައްވާނެކަމަށެވެ.

އެގޮތުން ހައްޖު ކޯޓާ އާއި ޒަކާތު ފަންޑުގެ ފައިދާ ރައްޔިތުންނަށް ވާނެފަދަ ގޮތަކަށް މަސައްކަތް ކުރައްވާނެކަމަށާއި ހެޔޮ ކަންތައްތަކަކީ އެކަން ކުރުމަށް ނިމުމެއް އޮތް ކަންތައްތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސްކިތަކާއި މެދު ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ހާއްސަ ދަރަޖައެއް ދީފައިވާކަމަށާއި މިސްކިތްތަކަކީ މިބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށެވެ.

ރާއްޖޭގައި ގިނަ މިސްކިތްތަކެއް ހުރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި މިސްކިތްތައް މަރާމާތުކުރުމަށްޓަކައިވެސް ރައްޔިތުން އެހީވެފައިވާކަމަށެވެ.

އަދި މިސްކިތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެންމެން އެއްބާރުލުން ދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ދަރުމަ ކަމާކެމި" ނަމުގައި ފެށި މިހަރަކާތުގައި މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމު ރައްޔިތުންނަށް އެފުރުސަތު ހުޅުވައިލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަންޑުތައް، ދިރުވައި އާލާކޮށް އެއަށް ފައިސާހޯދުމުގެ މަސައްކަތްވެސް މިހަރަކާތުގެ ތެރެއިން ކުރިއަށް ދާނެކަމަށް އެމިނިސްޓްރީން ބުންޏެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 9:00އިން ހަވީރު 5:30އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ.

އަދި މި ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ހަރަދުކުރާ ގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަދަދުވެސް ހާމަކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތަށް މީހުން ހޭލުންތެރިކުރުވުމަށްވެސް ހަމަޖެހިފައިވެއެވެ.