އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ 14 ހަފުތާގެ ތެރޭގައި 161 ވައުދު ފުއްދެވުމަށް އަމާޒު ކަނޑައަޅުއްވައިފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި މުއިއްޒުގެ 100 ދުވަހުގެ ވައުދު "14ހަފުތާ" ފޮތް ވަނީ ނެރެދެއްވައިފައެވެ. އެ ފޮތުގައި އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް، ވައުދުތަކެއް އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ވަނީ ބަޔާންކޮށްފައެވެ.
އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި 100 ދުވަހުގެ ވައުދުތައް ފޮތެއްގައި އާންމުންނާ ހިސާބަށް ގެންނަން ނިންމުމުން، ބައެއް ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ.
"އަޅުގަނޑަށް ބައެއް ބޭފުޅުން ދެންނެވި ތިއީ ވަރަށް ގޯސްކަމެކޭ ތިކުރީ، ވަރަށް ނުރައްކާތެރި ކަމެކޭ. ދެން ތި ފޮތް ނެރެގެން ނޯންނާނެ ފިލޭނެ އެއްގޮތްވެސް. އަޅުގަނޑު ދެންނެވިން ކެމްޕޭނުގަ ދެއްތޯ، އަޅުގަނޑު ރައްޔިތުންގެ ގާތަށް އައީ ކެމްޕޭންކޮށް ނިންމައި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމަ ފިލާކަށް ނޫނޭ. ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ޖުމްލައެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން މިތާ މިއޮތް ޓީމުން ރައްޔިތުންނަށްޓަކައި ގުޅިގެން ހާސިލުކޮށްދޭނެ،" މުއިއްޒު ވިދާޅުވިއެވެ.
"14ހަފުތާ" ފޮތުގައި ވަނީ މިނިވަންކަމާއި ސިޔާދަތު، އިސްލާމްދީނައި ގައުމިއްޔަތު، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ، އިގުތިސޯދާއި ތިމާވެށި، އަންހެނުން ޒުވާނުން ފަންނިއްޔާތު ކުޅިވަރު އަދި ސިއްހީ ދުޅަހެޔޮކަމާއި އޯގަތެރި މުޖުތަމައު ސިޔާސަތުގެ އިތުރުން ތައުލީމާއި ތަމްރީނު ސިޔާސަތުގެ ދަށުން ފުރަތަމަ 100 ދުވަހު ކުރައްވާނެ ގިނަ ވައުދުތަކެއް ހިމަނައިފައެވެ. މީގެ އިތުރުން ވަނީ ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހުގެ ސިޔާސަތުގެ ވައުދުތައް ވެސް ހިމަނައިފައެވެ.