މޫސުމް

ފޮނަދޫގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިމަޖެންސީ އޮޕަރޭޝަނެއް ފަށައިފި

ރޭ ފަތިހު ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އެރުމާ ގުޅިގެން އެރަށުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިމަޖެންސީ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެއޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ވިދާޅުވީ ފޮނަދޫގައި ހުރި އަތޮޅު ކައުންސިލް އިދާރާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އިމަޖެންސީ އޮޕަރޭޝަނެއް މިހާރު ފަށާފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ މި އޮޕަރޭޝަނުގައި ރަށުގެ ސަރުކާރު އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި އަދި އޮޕަރޭޝަނުގައި ކަންކަން ހިނގަމުން އަންނަ ގޮތް ބައްލަވައިލެއްވުމުގެ އިތުރުން ރަށުގެ ހާލަތު ބައްލަވައިލެއްވުމަށް ޑިޒާސްޓާގެ ޗީފްއެގްޒެކެޓިވް ހިސާން ހަސަނާއި އެއޮތޯރިޓީގެ މުވައްޒަފަކާއި އަދި ހައުސިން މިނިސްޓްރީގެ އިންޖިނިއަރަކު މިއަދު ފޮނަދޫއަށް ވަޑައިގެންފައިވާ ކަމަށެވެ.

ރޭފަތިހު ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އުމަރު ވިދާޅުވިއެވެ. އަދި އޭގެތެރެއިން ހަ ގެއެއްގައި ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ކެރިގަނޑުގައި ވައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށްވެސް ބުނެފައިވެއެވެ.