މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވުމުން، އަދާލަތު ޕާޓީން ވެސް ނުރުހުން ފާޅުކޮށްފިއެވެ.
އަދާލަތު ޕާޓީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔަނާތްތެރިވެފައިވާ ކަމަށް އިއުތިރާފުވެފައިވާ ފަރާތެއްގެ އަދަބު މައާފުކޮށްދިނުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތް ވީކަމަށް އަމިއްލައަށް އިއުތިރާފުވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިއުމަކީ މި ޕާޓީން ބަލައިގަންނަ ކަމެއް ނޫން،" އަދާލަތު ޕާޓީން ބުންޏެވެ.
އަދީބާއި ޒިޔަތަށް ރައީސް ސޯލިހު މައާފުދެއްވީ އިއްޔެއެވެ. މައާފުދެއްވުމާ ގުޅިގެން އެ ދެ މީހުން މިހާރު ވަނީ މިނިވަންވެފައެވެ.
އަދީބާއި ޒިޔަތަށް މައާފުދެއްވުމުން އެކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޓްރާންސްޕޭރެންސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަދީބާއި ޒިޔަތަށް މައާފުދެއްވުމުން ކޮރަޕްޝަނަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދީބުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެވެ.
އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކުއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތަށް ވަނީ 31 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވި އިރު، އެ ދެބޭފުޅުންވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދެނީ ގޭގައެވެ.