ޚަބަރު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދެން ކުރިއަށްގެންދާނީ ޕޮލިޓެކްނިކުން

އެއްގަމު އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން މާދަމާއިން ފެށިގެން ކުރިއަށްގެންދާނީ މޯލްޑިވްސް ޕޮލިޓެކްނިކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މާލޭ ސަރަހައްދުން އެ ހިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށަހަޅާ އިރު، ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި ޕޮލިޓެކްނިކް އިހުތިޔާރުކުރަންވާނެ ކަމަށެވެ.

"މި މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، 15 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ،" ޓްރާންސްޕޯޓުން ބުންޏެވެ.

އެ މިނިސްޓްރީން އެ ބަދަލު ގެނައި ސަބަބު އިއުލާނުގައި ބުނެފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެންދަނީ އެ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ޒާމާނީ ފެންވަރަށް ތަރައްގީ ކުރަމުންނެވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، އެ މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އޮންލައިން ކޮށްފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީން ވަނީ އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.