އިބްރާހިމް ޒަކީ
އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި މިއަހަރަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މިފަހަރުވެސް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު އިންތިހާބު ކޮށްފިއެވެ.
ނައިބު މުގއްރިރަކަށް އިންތިހާބު ކުރީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން ބެޖެޓް ދިރާސާ ކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލާ ކޮމިޓީއަކުންނެވެ. ނާޝިޒަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. މުހައްމަދު ނަޝީދަކީ އިގުތިސާދީ ކޮމިޓީގެ މުގައްރިރެވެ.
ވޭތުވެދިޔަ ފަސް އަހަރުވެސް ބަޖެޓް ކޮމިޓީގެ މުގައްރިރާއި ނާއިބު މުގައްރިރުގެ ގޮތުގައި ތިއްބެވީ އެ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކި ކުރުމަށް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލިސް ޑެޑްލޮކަކަށްގޮސް ގިނަދުވަސްތަކެއް ވުމާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވަނީ މަޖިލީހަށް ބަޖެޓް ހުށަނޭޅިފައެވެ.
އެހެންކަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2024 ވަނަ އަހރުގެ ބަޖެޓް ހުށަހެޅުއްވުމުން ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެންގެވިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރާއި ނާއިބު މުގައްރިރު އިންތިހާބު ކުރުމަށްފަހު ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރިއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، މި މަހުގެ ނިޔަލަަށް ބަޖެޓުގެ މަސައްކަތް ނިންމަން ޖެހޭތީ، އެހެން އަހަރުތަކާ އެއްގޮތަށް މިފަހަރު ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތައް ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށްގެން ހިޔާލު ހިޔާލު ހޯދޭނެ ވަގުތު ނެތްކަމަށެވެ.
އެހެންކަމުން މުއައްސަސާތަކުން ލިޔެކިޔުމުން ބަޖެޓަށް ހިޔާލު ހުށަހެޅޭގޮތް ހަދަން އޭނާ ހުށަހެޅުއްވިއެވެ.
ނަމަވެސް އިންތިހާބީ ރައީސް ޑރ. މުއިއްޒުގެއާ ސަރުކާރު ދައުލަތް ހިންގުމާ ހަވާލުވާން ކުޑަތަންވެފައިވަނިކޮށް، އެ ބޭފުޅުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، މި ބަޖެޓު ތަންފީޒުކުރާނީ އާ ސަރުކާރުންކަމަށެވެ. އެހެންކަމުން ބަޖެޓަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެރިކަން ބަދަލުވުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީއަށް ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.
މެންބަރުންގެ އެ ހިޔާލުތަކަށް ޖަވާބުދެއްވަމުން މުގައްރިރު ނާޝިޒް ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނީ އާ ސަރުކާރަށް ހިޔާލު ހުށަހެޅުމުގެ ޖާގަ ލިބޭ ގޮތަށް ކަމަށެވެ.