މާލޭގެ ގެއެއްގެ ބެލްކަންޏެއް ވެއްޓި، މަގުމަތީގައި ހުރި މީހަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ޖަވާހިރު މަގުގައި ހުރި ގެއެކެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މާފަންނު ގެއެއްގެ ބެލްކަންޏެއްގެ ބައެއް ވެއްޓި، މަގުމަތީގައި ހުރި މީހަކަށް އަނިޔާވެ، ސައިކަލުތަކަކަށް ގެއްލުން ވެފައިވާ ކަމަށް މިއަދު މެންދުނު 1:18 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ކަމާ ގުޅޭ އިދާރާތަކާ އެ މައުލޫމާތު ހިއްސާކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވަން" އަށް މައުލޫމާތު ދިން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި މީހާއަށް އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ދިނެވެ.