ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓުގެ ބޭނުމަކީ މަޖިލީހުގެ ބައެއް މެންބަރުންނަށް ދީފައިވާ ކޮންޓްރެކްޓްތަކަށް ފައިސާދިނުން: ނަޝީދު

ސަޕްލިމެންޓަރީ ބަޖެޓުގެ ބޭނުމަކީ މަޖިލީހުގެ ބައެއް މެންބަރުންނަށް ދީފައިވާ ކޮންޓްރެކްޓްތަކަށް ފައިސާދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިފައެވެ. މިއަދުގެ އެޖެންޑާގައިވެސް އޮތީ ދެ ބަޖެޓް މަޖިލީހަށް ހުށަހެޅުމެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 6،509،270،402 ރުފިޔާއެވެ.

ސަޕްލިމެންޓަރީ ބަޖެޓަށް ފާޑު ވިދާޅުވެ މިއަދުގެ ޖަލްސާގައިވާ ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަމީރު މިއަދު ހުށަހެޅުއްވި 6،5 ބިލިއަން ރުފިޔާއަކީ މިނިސްޓަރު މިހާރު ހަރަދުކުރައްވާފައިވާ އަދަދެއް ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުން ފާސް ނުކުރަނީސް، ގާނޫނާ ހިލާފަށް މިނިސްޓަރު އަމީރު 6،5 ބިލިއަން ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށާއި މިއަދު ސަޕްލިމެންޓަރީ ބަޖެޓް ހޯއްދެވުމަށް މިނިސްޓަރު ވަޑައިގެންނެވީ އެކަންކަން ފޫބެއްދުމަށް ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން، އެބޭފުޅުންގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ (އިބްރާހިމް މުހައްމަދު ސޯލިހް) ހޯއްދަވާފައި އޮތް ގޮތަކީ އެބޭފުޅުންނަށް ތަފާތު ބާވަތްތަކުގެ ކޮންޓްރެކްޓް ދެއްވައިގެން. އެ ކޮންޓްރެކްޓްތަކުގައި ހިމެނޭ ފައިސާ އެބޭފުޅުންނަށް ބެހުމަށްޓަކައި ވަޒީރު މިތަނަށް 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާފައި މިވަނީ، ނަޝީދު ވިދާޅުވިއެވެ.

މިއީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި މިކަންކަން ބަލައި ރާއްޖޭގެ މުއްސަނދިކަން ރާއްޖޭގެ ރައްޔިތުންނަށް ރައްދުކޮށްދޭން ޖެހޭނެ ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަމުން ދާން ޖެހޭނީ ރައްޔިތުންގެ ހައްގުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.