ޚަބަރު

ނަޝީދު ދާއިރާގެ ގޮނޑީގައި: މާލީ ވަޒީރު ޝަރީއަތަށް ފޮނުވުމަކީ މި ވަގުތު އެންމެ މުހިންމު ކަންތައް: ނަޝީދު

އިބްރާހިމް ޒަކީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޝަރީއަތަށް ފޮނުވުމަކީ މި ވަގުތު އެންމެ މުހިންމު ކަންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަން ގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ހުށަޅައިގެން ކުރިއަށް ނުގެންދެވި ގިނަދުވަސްތަކެއް ވުމަށްފަހު، ޕްރެޝަރު ބޮޑުވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު، މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ދާއިރާގެ ގޮނޑިކޮޅުގައި އިންނަވައިގެން ރައީސް ނަޝީދު މިއަދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، މިއަހަރު ދައުލަތަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ހުށަހެޅުމެވެ. ރިޔާސަތުން މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފުރަތަމަ ފުރުސަތު ދެއްވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމަށެވެ.

އެހިސާބުން ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި، މިނިސްޓަރު އަމީރު ބަޖެޓް ހުށަހަޅުއްވަން ވަޑައިގެން އިންނެވީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވައި ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވިއެވެ.

އޭގެ ތެެރެއިން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންވާ ގޮތުގެމަތިން އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެކުރިން ދައުލަތުގެ ބަޖެޓް ހުށަހަޅަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގެ 211 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް މަޖިލީހަށް ބަޖެޓް ހުށަހަޅަން އޮތް ޖަލްސާއަށް މިނިސްޓަރު އަމީރު ވަޑައި ނުގަތުމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ދެއްވި ލަފަޔަކީ ގާނޫނާ ހިލާފު ލަފައެއް ކަމަށް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ދިއުމުން އެ ކޯޓުން ކުރި ހުކުމުގައި ބަޔާން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިސް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ހައްލު ކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީވެސް ވިދާޅުވީ، ގާނޫނުން ލާޒިމުކުރާ މުއްދަތުގެ ތާރީހުގައި، މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަންނަވާފައި ވަނިކޮށް މަޖިލީހަށް ޗެލެންޖު ކުރައްވައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިނުގަތުމަކީ ގައިރު ގާނޫނީ އަމަލެއް ކަމަށާއި އެ މައްސަލަ ބެލެން ޖެހޭނެ ކަމަށެވެ. މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވެސް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެން މިނިސްޓަރު އަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިގެންފައި ނުވާ ކަމަށެވެ. އެެހެންކަމުން ރިޔާސަތުގައި އިންނަވައިގެން އަސްލަމް އެ މައްސަލަ ބައްލަވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކާގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ކުރީގެ ރައީސް، މެންބަރު ނަޝީދު ވިދާޅުވީ، ބަޖެޓް ހުށަހެޅުއްވަން މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި ހުންނަވައިގެން ކަމަށެވެ.

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ، ކުށުގެ ތުހުމަތުގައި އިންނަވައިގެން، ރައީސަށް އެނގިވަޑައިގަންނަވާނެ މިތަނަށް މި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް މާލިއްޔަތުގެ ގާނޫނު ވަރަށް ސާފުކޮށް ބަޔާން ކުރޭ އެކަން ކުރަންވީ ދުވަސްތައް، ސިޔާސީ ބޭނުންތަކަށް މިތަނުގައި އެބޭފުޅުން އެކި ގޮތްގޮތަށް އަނބުރަމުން އެ ގެންދަނީ، ދިވެހި ދައުލަތުގެ ނިޒާމުތައް ނަގާލެވިގެން ނުވާނެ، މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިއްމު ކަންތައް، މިއީ މި މަޖިލީހުގައި އޮތް އެންމެ މުހިއްމު ނިޒާމީ ނުކުތާ މި މަޖިލީހުގެ ބާރުތައް ދުލެއް ނުކޮށްލެވޭނެ، މާލީ ވަޒީރަކަށް މަޖިލީހަކަށް ގޮމެއް ނުޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ މިހާރުގެ ރައީސް އަސްލަމް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި މަޖިލީހުގައި ކަންހިނގައިދިޔަ ގޮތް އެންމެނަށް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ.

"މަޖިލީހުގައި ކަން ހިނގާދިޔަ ގޮތާއި އަދި މަޖިލީހުގެ ނިޒާމު ގެެއްލިގެންދިޔަ ގޮތާއި އަދި މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަމުން ދިޔަގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް، އެކަމުގެ ބަހުސަކަށް އަޅުގަނޑު ހުޅުވާލާކަށް ނެތިން،" އަސްލަމް ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓަރު ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައިވާ ނަމަ އެ މައްސަލަ ލިޔުމުން ހުށަހަޅައިދެއްވުމަށް ވެސް އަސްލަމް އެދިވަޑައިގެންނެވިއެވެ.