ރޭ ފަތިހު ލ. ފޮނަދޫއަށް ނަގޫރޯޅި އެރުމާ ގުޅިގެން އެރަށު 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ ރޭފަތިހު އެރި ނަގޫރޯޅިއާއެކު އެރަށުގެ ބައެއް ގެތަކަށް ގެއްލުންވެފައިވާކަމަށާއި އޭގެ ތެރޭގައި 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. ދިރިނޫޅެވޭ ވަރަށް ހަ ގެއެއް ހަލާކުވެފައިވާ ކަމަށާއި އެގޭގެ މީހުން މިހާރު އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަމަށެވެ. ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި އެރަށު ޕްރީސްކޫލެއްވެސް ހިމެނެއެވެ.
ޑިޒާސްޓާއިން ބުނި ގޮތުގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެތައް މަރާމާތު ކުރުމުގައި ސިފައިންނާއި ފުލުހުންނާއި ރަށުގެ ރައްޔިތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ނަގޫރޯޅި އެރުމާ ގުޅިގެން ރަށުގެ ގިނަ ރުއްގަސް ވެއްޓިފައިވާއިރު ބައެއް ގަސްތައް ގޭގޭގެ ފުރާޅު މައްޗަށް ވެސް ވަނީ ވެއްޓިފައެވެ. އަދި ފޮނަދޫގެ ބަނދަރުގައި އޮތް ދެ ލޯންޗަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އަށެވެ.