އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲއާ މައްސަލަހަތު ފުށުއަރާ މައްސަލައެއް ކަމުން، އެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އީވާއަށް ނީންނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާ ތިން ފަހަރެއްގެ މަތިން ކުރިއަށްގެންދަވަން މަސައްކަތް ކުރިނަމަވެސް ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެއިން ކޮންމެ ފަހަރަކުވެސް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ ޖަލްސާ މެދު ކަނޑާލައްވައިފައެވެ.
ޖަލްސާ ފަށާ ކޮންމެ ފަހަރަކު ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުގެ ގޮތުން އީވާ ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އިދާރީ މޭޒު ކުރިމައްޗަށް އެއްވެ އަޑުގަދަކޮށް ދުއްމާރު ފުމެމުން ގެންދެއެވެ. އެކަމާ ގުޅިގެން އެމްޑީޕީ މެންބަރުން ވިދާޅުވީ އެކަމަކީ ރާވައިގެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔަ ނުދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ތިންވަނަ ފަހަތަށް ޖަލްސާ ފެށުމުން ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަ ދައްކަވަމުން މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފުރުސަތު ނުދެއްވައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރު މަޖިލިސް ތެރޭގައި ހަޅުތާލުކޮށް ނިޒާމު ގެއްލުވާލަން މަސައްކަތްކުރަމުންދާ ކަމަށެވެ.
"އެޖެންޑާކޮށްފައި އޮތް މަޖިލީހުގެ ރައީސްގެ ނޯކޮންފިޑެންޓް ވޯޓު ނެގުމުގެ މައްސަލަ ހުށަހެޅުމަށް ފުރުސަތު ނުދެއްވައި ޑިމޮކްރެޓިކް ޕާޓީގެ މީހުން މިތަނަށް ނުކުމެ މަޖިިލިސް ހަޅުތާކު ކޮށްގެން، މުޅި ސިސްޓަމް ނަގާލައި ދިވެހި ރައްޔިތުންގެ މަސްލަހަތަށާއި ދިވެހި ރައްޔިތުންގެ އަހުލާގަށް ވަރަށް ބޮޑެތި ނިކަމެތިކަމާއި ދުއްތުރާ ލިބޭނެގޮތަށް ކަންތައްތައް ތަރުތީބު ވެގެން މިދަނީ،"
ދެން ވިދާޅުވީ، ގާނޫނުއަސާސީގައި ވާގޮތުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލައަކީ އީވާގެ މަސްލަހަތު ފުށުއަރާ މައްސަލައަކަށްވާތީ އީވާއަށް އެ ޖަލްސާގެ ރިޔާސަތުގައި ނީންނެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
"ނާއިބުރައީސަކަށް ތި މައްސަލަ ކުރިއަަކަށް ނުގެންދެވޭނެ ތިތަނުން ފައިބާ ވަޑައިގަންނަވާ އެތައް ގޮތަކުން ކަމަނާ އާ މަސްލަހަތު އަރާ މައްސަލައެއްތީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ނިޒާމީ މައްސަލައާ ގުޅިގެން ޝުކުރު އަދާ ކުރައްވައި އީވާ ވިދާޅުވީ، ގާސިމްގެ ވާހަކާގައި ނިޒާމީ ކަމަކަށް ރިއާޔަތް ކުރައްވާފައި ނުވާ ކަމަށެވެ.