ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30އާ ހަމައަށެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ބައެއް ރަށްރަށަށް އުދަ އަރަމުންދާކަން ފާހަގަކުރެވެއެވެ. އޭގެ އިތުރުން ރޭ ފަތިހު ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރައި، ބައެއް ގަތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ.
ވައިޓް އެލާޓަކީ މޫސުމަށް ސަމާލުވާން ޖެހޭކަން އަންގައިދިނުމުގެ ގޮތުން ނެރޭ އެލާޓެވެ. މި އެލާޓު ނެރެނީ ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެކަމަށް ލަފާ ކުރެވޭތީއެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ކަނޑު ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.