ޚަބަރު

ފޮނަދުއަށް ނަގޫރޯޅިއެއް އަރައި، ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ލ. ފޮނަދުއަށް ނަގޫރޯޅިއެއް އަރައި، އެ ރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރޭ ފަތިހު އެރި ނަގޫރޯޅީގައި ފަސް ވަރަކަށް ގޭގެ ފުރާޅު އެއްކޮށް އެއްލައިލާފައިވާ ކަމަށާއި އިތުރު ފަސް ވަރަކަށް ގެއަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

"ނަގޫރޯޅީގައި ފަސް ގެއެއްގެ ފުރާޅު އެއްކޮށް އެއްލައިލާފައިވަނީ. އެ ގެތަކުގެ ފަރުނީޗަރުތަކަށް ވެސް ވަނީ ގެއްލުންވެފައި. އޭގެ އިތުރުން އިތުރު ފަސް ވަރަކަށް ގެއަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވޭ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ފުލުހުންނާއި ސިފައިން އަންނަނީ އެ ރަށުގެ ރައްޔިތުންނާ ގުޅިގެން ލިބުނު ގެއްލުންތައް ބަލައި، ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ އާއިލާތައް އެހެން ގެތަކަށް ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"އެ ގެތަކުގައި ދިރިއުޅެމުންދިޔަ އާއިލާތައް ބަދަލުވަމުން ދަނީ އެ އާއިލާގެ އެހެން މެމްބަރުންގެ ގެތަކަށް. އަޅުގަނޑުމެން މިހާރު ވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ވެސް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައި،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އަށެވެ.