މި ހިނގާދިޔަ ފަސް އަހަރު އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދެއްވުމަށް މަސައްކަތް ކުރެއްވިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރު ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށާއި މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. ކުށްކުރާ ގްރޫޕްތަކާއި ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް، އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށާއި މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށާއި ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރުމުގެ ފުރުސަތު މި ފަސް އަހަރު އެ ދާއިރާތަކަށް ލިބިގެންދިޔަ ކަމަށެވެ.
ވެރިކަމުގެ ހައްގުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު، އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު އިސްކަން ދެއްވި ކަމަށާއި ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން ކަމަށެވެ. އަދި ހިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ހައްގުތަކަށް އިސްކަންދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފިން. ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރާއްޖޭގެ ރައީސްގެ މަގާމަށް އިންތިހާބު ކުރިއިރު، އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށެވެ. ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބި ހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާއި އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހުސާސް ކުރެއްވޭ ކަމަށެވެ. ހިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދެއްވައިފިން ކަމަށާއި ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައްވައިފިން ކަމަށެވެ. އަދި އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކުރައްވައިފިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.