އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިމަނާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކުރައްވައި ދެއްވި ހިތޯބުގައެވެ. މިއީ ރައީސްގެ ވަދާއީ ހިތާބުވެސް މެއެވެ. ހިތާބުގައި ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ ކަމަށެވެ.
އެގޮތުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ފަންނީ މިވައްޒަފުންގެ މުސާރަ ބޮޑުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަންނަ 2024 ވަނަ އަހަރުގެ ބަޖެޓް، އަޅުގަނޑުމެން މަޖިލީހަށް ފޮނުވީ ޖުޑީޝަރީ އާއި ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައި،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމަށް ބޮޑު ބަދަލުތަކެއް ގެނުއްވާފައިވާ ކަމަށާއި ލާމަރުކަޒީ ނިޒާމުން ރާއްޖެ ކުރިއަރާނެ މަގު މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވިދާޅުވެފައެވެ. އެގޮތުން ފުލުހުންނާއި ސިފައިން، ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން، މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް ސާވިސް، ކަރެކްޝަނަލް ސާވިސް، ސިވިލް ސާވިސްގައި ހިމެނޭ އެހެން ހުރިހާ މުވައްޒަފުން، އިމާމުންނާއި މުދިމުންގެ އިތުރުން ކައުންސިލްގެ ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ވަނީ އެއިރު ވިދާޅުވެފައެވެ.
ކޮންމެ މީހެއްގެ މުސާރައަށް މަދުވެގެން 40 ޕަސެންޓްގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.