ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފެއިލްވީ، އެ ޕާޓީން ރައްޔިތުން ކޮށްދޭނެ ކަންތައްތައް ނުވަތަ އެ ޕާޓީގެ އެޖެންޑާއެއް ނުދެއްކުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އަދި 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ޕީޕީއެމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި ނާކާމިޔާބުވި މެމްބަރުންގެ ތެރޭގައި ނިހާން ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ރަމްޒީ ސިފައެއްގައި ޕާޓީގެ ރައީސަކަށް ވަކި ބޭފުޅަކު ހުންނެވީމައޭ ކިޔާފައި ކާމިޔާބެއް ނުލިބޭނެ ކަމަށާއި ކާމިޔާބީ ލިބޭނީ މަސައްކަތްކޮށްގެން ކަމަށެވެ.
"ރަމްޒީ ސިފައެއްގައި ޕާޓީގެ ރައީސަކަށް ވަކި ބޭފުޅަކު ހުންނެވީމަ ލިބުނު ކާމިޔާބެއް ކަމަށްވާ ނަމަ، ޓިކެޓު ދޭން ނަމެއް އިއުލާންކޮށްލާ ތަނުން ހޮވެން ވާންނޫންތޯ. މަސައްކަތްކޮށްގެން ވާނީ. ފިކުރަކާއެކު ރައްޔިތުންނަށް ވިއްކައިދޭން މަސައްކަތްކުރަންވާނެ. ޕީޕީއެމް އައީ މިކަމެއް ކުރަންށޭ، އެކަމެއް ކުރަންށޭ. ފަހުގެ ތާރީހުގައި ޕީޕީއެމްއަށް ލިބުނު ގެއްލުންތަކަކީ މި އެޖެންޑާ ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނެ، ޕީޕީއެމް އިން ކޮށްދޭނެ ރަނގަޅު ކަންތައްތައް ދުރުހެލިވަނީ. އަޅުގަނޑުމެންނަށް އެ މަސައްކަތް ނުކުރެވުނީ،" އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އެޑްމިނިސްޓްރޭޓިވްކޮށް ޕާޓީ ހިންގާނެ އުސޫލުތައް އަޅުގަނޑުމެންނަށް ރަނގަޅަށް ކަނޑައަޅާފައި ނެތުމުގެ ނަތީޖާއަކީ ޕާޓީ ކޮނޑުއަޅައިގެން ޕާޓީ ބަލިކަށިވާ ދުވަހު ނުކުމެ ގަންނާނެ ބަޔަކު އުފެއްދިފައި ނެތީ ކަމަށެވެ.
"އަޅުގަނޑުމެންނާ ގުޅުން ހުރި ވިޔަފާރިތަކަށް ކުރިއެރުންތައް ދެވިފައި ނެތީ. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ ގޮތުގައި އަޅުގަނޑުމެންނަށް އަތެއް ދިއްކޮށްލާނެ ރަނގަޅު ބަޔަކާ އަޅުގަނޑުމެން އެންގޭޖުވެފައި ނެތީ. އެއީ ރައީސް މައުމޫން، ރައީސް ޔާމީންގެ ލަގަބަކުން ނިމޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ އެމްޑީޕީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުއްޓަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުއްޓަސް، އަދި އެހެން މީހަކު ހުއްޓަސް، އެ ޕާޓީ ހިނގަނީ އޮންނަ އެކުވެރިކަމާއި ބަދަހިކަން ބާއްވާނެ ގޮތްތަކެއް ތަރުތީބުވެފައި އޮތުމުން ކަމަށެވެ.