ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ އެކި ކަންކަން ފުރިހަމަ ކުރުމުގެ ގޮތުން އެމްޑީޕީން ފަސް ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެކަން އެމްޑީޕީން އާންމުކޮށްފައި ވަނީ އެޕާޓީގެ ފަރާތުން މިއަދު އާންމުކުރި ނޫސަ ބަޔާނެއްގައެވެ.
މި ބަޔާނުގައި ވާގޮތުން މި ފަސް ކޮމިޓީ އެކުލަވާލާފައި ވަނީ ޖަޒީރާ ރާއްޖެ މެނިފެސްޓޯ އާއި އެޖެންޑާ 19 ގައިވާ ކަންކަން އެއް ވިސްނުމެއްގައި ސަރުކާރާއި އެމްޑީޕީގެ މަޖިލީހުގެ މެމްބަރުން ތަންފީޒު ކުރުމަށް މަސައްކަތް ކުރުމަށެވެ. މި ކޮމިޓީތައް އެކުލަވާލާފައި ވަނީ އިންސާފުގެ ދާއިރާ، އޯގާތެރި ސަރުކާރުގެ ދާއިރާ، ފަހުރުވެރި އާއިލާގެ ދާއިރާ، ޖަޒީރާ ދިރިއުޅުމުގެ ދާއިރާ އަދި ނޫ އިގްތިސާދުގެ ދާއިރާގެ މައްޗަށް ތަފާތު ފަސް ކޮމިޓީއަކަށް ވާގޮތަށެވެ.
އެމްޑީޕީން މައުލޫމާތު ދިން ގޮތުގައި މި ކޮމިޓީތަކުގެ މައިގަނޑު މަގްސަދަކަށް ވާނީ ބަޔާންކޮށްފައިވާ ފަސް ދާއިރާއިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނުނީ އޮނިގަނޑު ފުރިހަމަ ކުރުމުގެ އިތުރުން، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫއުތައް ދެނެގަނެ އެމަޝްރޫއުތައް ހިންގާނޭ އުސޫލުތައް ދެނެގަތުމެވެ. މިކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މި ކޮމިޓީތައް އެކުލަވާލާފައިވަނީ ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުންގެ އިތުރުން ފަންނީ މާހިރުން ހިމަނައިގެންނެވެ.