ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމު ކުރާ ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ ލިސްޓުން ރާއްޖެއަށް 22 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ފާއިތުވި 2018 ވަނަ އަހަރު ''ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'' އިން ރާއްޖެއަށް 120 ވަނަ ލިބިފައިވާ އިރު، މިއަހަރު 22 ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެއަށް ވަނީ މި ލިސްޓުގެ 98 ވަނަ ލިބިފައެވެ. މިއީ 2013 ވަނަ އަހަރު ރާއްޖެ މި ލިސްޓުގައި ހިމެނެން ފެށުނު ފަހުން ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމެވެ.
ރާއްޖެ އެންމެ ފުރަތަމަ ''ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'' ގައި ހިމެނުނު އިރު، ރާއްޖެއަށް ވަނީ 103 ވަނަ ދަރަޖަ ލިބިފައެވެ. ޖެހިގެން އައި އަހަރު ފަސް ދަރަޖަ ކުރިއެރުމަކާއެކު ރާއްޖެއަށް 108 ވަނަ ލިބުން ނަމަވެސް، 2015 ގައި ރާއްޖެ ވަނީ 112 ވަނަ ދަރަޖައަށް ވެއްޓިފައެވެ. އޭގެ ފަހުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދިޔައީ ދަށަށެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަނީ 2013 ގައި ކުރީގެ ރައީސް ޔާމީން ވެރިކަމާ ހަވާލުވި ފަަހުން ރާއްޖޭގައި ނޫސްވެރިންނަށް ލިބިފައިވާ މިނިވަންކަން ކޮންމެ އަހަރަކު ކުޑަ ވަމުންދާކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ރަނގަޅު ބަދަލުތަކެއް އައިސްފާވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަނީ ފާހަގަކޮށްފައެވެ.