ޚަބަރު

އިރުވައި މޫސުމަށް ރާއްޖެ ހިޖުރަކުރާ ދޫނިތައް ނުހިފަން އީޕީއޭއިން އެދިއްޖެ

އައިޝަތު އަފްޝަން

އިރުވައި މޫސުމާ ދިމާކޮށް ރާއްޖެ އަންނަ ދޫނިތައް ނުހިފުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެދިއްޖެއެވެ.

އީޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ބާވަތުގެ ދޫނި އާންމުކޮށްވެސް ރާއްޖެ އަންނަ ދުވަސްވަރެއް ކަމަށެވެ. އެގޮތަށް ހިޖުރަ ކުރާ ދޫންޏަކީ ރާއްޖޭގެ ގާނޫނުގެ ގުދުރަތީ ނުވަތަ ތަބީއީ ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ޗަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދިރުންތަކެއް ކަމަށާއި އެފަދަ ދޫނިތައް ހިފައިގެން ގެންގުޅުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮންމެ އަހަރަކުވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ދޫނި ހިޖުރަ ކުރެއެވެ. ނަމަވެސް އެފަދަ ދޫނިތައް ވިޔަފާރި ކުރުމަށާއި މުނިފޫހި ފިލުވުމަށް ހިފައި ގެންގުޅޭ ކަން ފާހަގަ ވެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ އެގޮތަށް ހިޖުރާ ކުރާ ދޫނިތައް ރައްކާތެރި ކުރުމަކީ ރާއްޖޭގެ ގުދުރަތީ ވެށީގެ މުއްސަނދިކަން އިތުރުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދޫނިތައް ހިމާޔަތް ކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި، އެ ދޫނިތަކަށް ހިމާޔަތް ދިނުމަށް އެ އެޖެންސީއަށް އެއްބާރުލުން ދިނުމަށް އާންމުންގެ އަރިހުން އެދިފައި ވެއެވެ.

މި ދުވަސްވަރު ރާއްޖެ އަންނަ ދޫނިތައް ހިފައި، ގެންގުޅޭ މީހުންގެ މައުލޫމަތު އެނގޭނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅައި އެންގުމަށް އީޕީއޭއިން ވަނި އެދިފައެވެ.