ރިސޯޓުތައް ރީޑިވެލޮޕްމަންޓަށް ބަންދު ކުރެވޭނީ ދެ އަހަރަށް ކަމަށް ކަނޑައަޅައި "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު" އިސްލާހުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ގަވާއިދު އިސްލާހުކޮށް، ގެޒެޓް ކޮށްފައިވަނީ މިއަދެވެ. ކުރިން އެ ގަވާއިދުގައިވާ ގޮތުން ރިސޯޓެއް ރީޑިވެލޮޕްމެންޓަށް ބަންދުކުރެވޭނީ 18 މަސް ދުވަހަށެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، ރީޑިވެލޮޕްކުރަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިނ،ް އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެއް އަހަރު ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރީޑިވެލޮޕްމެންޓް މަސައްކަތް ނިންމާލެވިފައިނުވާނަމަ، މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތަށް އެންމެ ގިނައިން މުއްދަތު އިތުރު ކޮށްދެވޭނީ ދެ އަހަރު ދުވަހަށެވެ.
ރީޑިވެލޮޕްކުރުމަށް ދިން މުއްދަތުގައި މަސައްކަތް ފެށިފައިނުވާނަމަ، ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓެއް ބަލައި ފާސްކޮށް، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރުކުރަންވާނެއެވެ. އަދި މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ހުއްދަ އޮތް ކުއަންޓިޓީ ސަވޭޔަރެއްގެ ނުވަތަ އިންޖިނިއަރެއްގެ ސެޓިފިކެޓަކާއެކު ހުށަހެޅަންޖެހެއެވެ.
"ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު" އިސްލާހުގައިވާ ގޮތުން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރެވެ. ފަޅެއްގެ ނަމަ މުއްދަތު އިތުރު ކޮށްދެވޭނެ އެންމެ ދިގުމުއްދަތަކީ ހަތަރު އަހަރު ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.