ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖު މެޗުތަކުން މޮޅުވެ، ބަޔާން މިއުނިކާއި ރެއާލް މެޑްރިޑުން ގަދަ 16 ޔަގީންކުރި އިރު، އެފްސީ ކޯޕެންހޭގަން އަތްދަށުވެ މެންޗެސްޓާ ޔުނައިޓެޑް ކެޓުމާ ގާތަށް ޖެހިލައިފިއެވެ.
ބަޔާނާއި ރެއާލްއިންވެސް ރޭގެ މެޗުތަކަށް ނުކުތް އިރު، މޮޅަކުން ގަދަ 16 ޔަގީން ކުރެވެން އޮތެވެ. ބަޔާނުން ގްރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ގަލަޓަސަރާއީ ބަލިކޮށް ކުރިއަށް ދިޔަ އިރު، ރެއާލްއިން ގްރޫޕް ސީގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ސްޕޯޓިން ބްރާގާ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ރޭ ރެއާލްއިން ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓުގައި ބްރާގާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އަލްވާރޯ ޖާލޯ ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ބްރާގާއިން ނުރައްކާކުރި ނަމަވެސް، ހާފު ނިމުމުގެ ކުރިން ރެއާލްއިން ލީޑު ނެގިއެވެ. 27 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ބްރަހީމް ޑިއާޒެވެ.
ދެވަނަ ހާފަށް ނުކުމެ ވިނީޝިއަސް ޖޫނިއާއާއި ރޮޑްރީގޯ ޖެހި ގޯލުތަކުން ރެއާލްއިން މޮޅު ޔަގީންކުރި އިރު، އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓާއެކުގައެވެ. ނަޕޯލީ އެ ގްރޫޕްގެ ދެވަނައިގައި އޮތް އިރު، ބްރާގާ އޮތީ ތިންވަނައިގައެވެ.
މިއީ ރެއާލްއިން ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި 27 ވަނަ ފަހަރެވެ. އެއީ ރެކޯޑެކެވެ.
ބަޔާންއިން ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ގަލަޓަސަރާއީ ބަލިކުރި އިރު، އެމެޗުގެ ތިން ގޯލުވެސް ފެނުނީ ފަހުކޮޅުގައެވެ. ބަޔާނުން ނުރައްކާކުރަމުންދިޔަ މެޗުގެ 80 އަދި 86 ވަނަ މިނެޓުގައި އެޓީމުގެ ދެ ގޯލުވެސް ޖެހީ ހެރީ ކޭންއެވެ.
ކޭން ތަފާތު މޮޅު ފޯމެއްގައި ބަޔާން ކެރިއަރު ފަށައި، އެ ފޯމު ދަމަހައްޓަމުން އަންނަ އިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި އޭނާ ހެޓްރިކްވެސް ފުރިހަމަ ކުރިއެވެ.
ބަޔާން އާ އެއް ގްރޫޕެއްގައި ހިމެނޭ ޔުނައިޓެޑުން ރޭ ރަށުން ބޭރުގައި ކޯޕަންހޭގަން އަތްދަށުވީ ހުތުރު ގޮތަކަށެވެ. ޔުނައިޓެޑް، 4-3 އިން ރޭގެ މެޗުން ބަލިވި އިރު، ފުރަތަމަ ހާފު ފެނުނީ ޑްރާމާ ބޮޑު ކޮށެވެ. ޔުނައިޓެޑުގެ ދެ ގޯލާއި ކޯޕަންހޭގަންގެ ދެ ގޯލުވެސް ފުރަތަމަ ހާފުގައި ފެނިގެން ދިޔަ އިރު، މެޗުގެ 42 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.
ރަޝްފޯޑަށް ރަތް ކާޑު ދެއްކީ އުޅަނބޮށިން ކޯޕަންހޭގަން ކުޅުންތެރިޔާގެ މޫނުމަތީގައި ޖެހުމުންނެވެ.
މެޗުގެ ފުރަތަމަ ދެ ގޯލު ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް ކާމިޔާބުކޮށްދީ ހާފު ނިންމާލަން ދަނިކޮށް، ކޯޕަންހޭގަންއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އަލް ޔޫނުސީ އާއި ޑިއޭގޯ ގޮންކަލްވޭސް އެވެ.
ދެވަނަ ހާފަށް ނުކުތީ ނަތީޖާ އެއްވަރުވެފައި އޮވެގެން ނަމަވެސް، 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އެޓީމަށް ލީޑު ނަގައިދިނެވެ. އެ ގޯލާއެކު ޔުނައިޓެޑުން މޮޅަކަށް މިސްރާބު ހިފިނަމަވެސް، ލޫކަސް ލެރަގާ އާއި ރޫނީ ބާޑުޖީ ޖެހި ގޯލުތަކުން ކޯޕަންހޭގަން ނަތީޖާ އަނބުރާލިއެވެ.
ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، ބަޔާނުން ގަދަ 16 ޔަގީންކުރީ މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމު އެއްވަނައިގައި އޮތް އިރު، މިހާރު ދެވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ކޯޕަންހޭގަން އެވެ. ތިންވަނައިގައި އޮތް ގަލަޓަސަރާއީއަށްވެސް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑް ފުލުގައި އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާއެކުގައެވެ.
ބާކީ ދެމެޗު ކޮންމެ ޓީމަކަށްވެސް އޮތް އިރު، ޔުނައިޓެޑަށް އަނެއް ބުރަށް ދެވެން އޮތީ އަނެއް ޓީމުތަކުގެ ނަތީޖާއަށްވެސް ބަރޯސާވެގެންނެވެ.