ޚަބަރު

މުއިއްޒު ހުވައިކުރުމުގެ ޖަލްސާއަށްވެސް އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވެން ޖެހޭނެ: އެމްޑީޕީ

އިބްރާހިމް ޒަކީ

މަޖިލިސް ރައީސް ވަކި ކުރުމުގެ މައްސަލަ ނުނިންމައި، މަޖިލިސް ޖަލްސާގައި އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށް، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ 48 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސަށް ނޫން ބޭފުޅަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލިސް އިދާރާއިން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފައެވެ.

ސަބަބަކަށް މަޖިލިސް އިދާރާއިން ދައްކަނީ މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ، (ބ) އެ އަކުރުގައި ބުނަނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

ނަމަވެސް ނައިބު ރައީސް ޖަލްސާގެ ރިޔާސަތަކަށް ވަޑައިނުގެންނެވޭ ހާލަތުގައި މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތަށް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

ނަމަވެސް މަޖިލިސް އިދާރާއިން ބުނަނީ މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލައަކީ ހާއްސަ މައްސަލައެއް ކަމަށާއި އެހެންކަމުން ނައިބު ރައީސް ނޫން މީހަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަަމަށެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ވެސް އެމްޑީޕީން ފާހަގަ ކުރެއެވެ. އެ އަކުރުގައި ބުނަނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލިސް އަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތަށް ނިންމުމަށްފަހުގައި ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ބުނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންގޮސް އިތުރު އެއްވެސް މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ދިޔައީ މި މައްސަލައިގައެވެ.

މި މައްސަލައިގައި އެމްޑީޕީ ވަކީލު އަހުމަދު އަބުދުﷲ އަފީފު ވިދާޅުވީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނަމަ، އެ ޖަލްސާގެ ކުރިއަށް އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ޖަލްސާއަކީ މަޖިލިސް ޖަލްސާއެކެވެ.

ވަކީލު ވިދާޅުވީ މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ މަފްހޫމަކީ މަޖިލިސް ރައީސްގެ އިތުބާރު ގެއްލިފައިވާ ނަމަ މަޖިލީހުން ކުރާ ހުރިހާ މަސައްކަތަކާ މެދު ސުވާލު އުފެދުން ކަމަށާއި އެ އިތުބާރު އަބަދުވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ އިތުބާރު މަޖިލިސް ރައީސަށް ނެތް ކަން ފާހަގަކުރައްވައި ވަކީލް ވިދާޅުވީ، އެހެން އެކަން އޮތުމުން މަޖިލިސް ރައީސް ކުރައްވާ ކަންކަމުގެ ގާނޫނީ ހައިސިއްޔަތާއި ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ، މަޖިލިސް ގަވާއިދަށް ބަލާއިރު އިންތިހާބީ ރައީސް ހުވާ ނުކުރެވޭނެ ގާނޫނީ އެއްވެސް ހާލަތެއް ނެތް ކަމަށެވެ.

ދައުލަތުގެ ވަކީލު ފާތުމަތު ހިލްމީ ވިދާޅުވީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މައްސަލަ މަޖިލިސް ގަވާއިދުގެ 205 މާއްދާއާ ގުޅުވައި ނުލެވޭނެ ކަމަށެވެ. ސަބަބަކީ، ވަރަށް ސާފުކޮށް ދެކަމެއްގެ ވާހަކަ އެ މާއްދާގައި ބަޔާންކޮށްފައިވާތީ ކަމަށާއި އެ މާއްދާގައި ހިމެނެނީ މަޖިލީހުގައި ބަހުސް ކުރުން އަދި ގޮތެއް ނިންމުންކަން ވެސް ފާހަގަ ކުރެއްވިއެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަންޖެހޭ ކަންތައްތައް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެސް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ވާހަކަ ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ ގާނޫނު އަސާސީއާ ތައާރަޒް ނުވާގޮތަށް ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވާ އިރު، ގާނޫނުއަސާސީގެ 260 ވަނަ މާއްދާއަށް ބެލި ނަމަވެސް މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމާއެކު ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން އާ ރައީސުލްޖުމްހޫރިއްޔާއަށް ހުވާ ކުރެއްވޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހާލަތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.