ހުރިހާ އެންމެންވެސް މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހި ޅަ ދަރީންނަށް ނަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ނެޝަނަލް ރޯޑްސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުގައި، ހާއްސަކޮށް ބޮޑެތި ރަށްތަކުގައި، އެކްސިޑެންޓްތައް ހިނގާލެއް ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ފަސޭހަކަމާއެކު ދުއްވޭ ގޮތަށް މަގުތައް ހަދަމުންގެންދާ އިރު މިއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ކުރިން ރައްކާތެރި ފިޔަވަޅު އެޅެންއޮތް ކަމެއްގައި އެކަން ނުކޮށް ތިމާގެ ދިރިއުޅުން ދޫކޮށްލުމަކީ ނުވަތަ މުޅި އުމުރަށް އެފަދަ ކަމަކާ ހުރެ ނުކުޅެދުންތެރިކަމަކާ ކުރިމަތިލުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމަކީ މުޅިންވެސް ކޮންމެވެސް މީހެއްގެ ފަރުވާ ކުޑަކަމުން ނުވަތަ ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މަގުމަތީގައި އުޅޭއިރު ނުވަތަ މަގު ބޭނުންކުރުމުގައި އެހެން މީހުންނާ ދޭތެރޭގައިވެސް ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިރޭ މި އިފްތިތާހު ކުރި ނެޝަނަލް ރޯޑްސޭފްޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ނިންމަވާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި އެ މަސައްކަތްތަކުގެ ނަތީޖާ ވެސް ރަނގަޅުގޮތުގައި ފެންނަމުންދާކަމުގައި ފާހަގަކުރެއްވިއެވެ.