ފައިދާހުރި ކާނާ ކެއުމާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގައި މުޅި ސަރުކާރާއި މުޖުތަމައުވެސް މިސާލު ދައްކަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މީރުމާ ހޯލުގައި ބޭއްވި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ފަޒްނާ ވަނީ މީގެ ކުރިން އެކަމަނާއަށް ތައުލީމީ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާތައް ހިއްސާކުރައްވައިފައެވެ. އެގޮތުން ސްކޫލުތަކުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ބާރުއެޅުވުން މުހިންމު ކަމުގައި ވިދާޅުވިއެވެ.
އެގޮތުން ތާޖުއްދީން ސްކޫލުން ކުރި ތިން ކަމެއް ފާހަގަކުރައްވަމުން މެޑަމް ފަޒްނާ ވިދާޅުވީ، މުޅި ސްކޫލަށް އަމާޒުކޮށްގެން ހަފުތާއަކު އެއްފަހަރު ކަސްރަތު ކުރުމުގެ ޕްރޮގްރާމަކާއި ހިޔާރުކުރެވޭ ދަރިވަރުންގެ ގްރޫޕަކަށް ބުއްތަށި ދީގެން ކަސްރަތު ކުރުވާ ހަތަރު އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގި ކަމަށެވެ. އަދި އިންޓަވަލް ބްރޭކްތަކަށް ދަރިވަރުން ގެންނަ ކާބޯތަކެތީގެ ސާވޭއެއް ހެދުމަށްފަހު ގެންނަ ތަކެތީގެ ތެރެއިން ސިއްހަތަށް ފައިދާ ނުކުރާ ކާބޯތަކެތީގެ ބަދަލުގައި މޭވާއާއި އެހެނިހެން ސިއްހަތަށް ފައިދާ ހުރި ތަކެތި ބޭނުންކުރުމަށް ބާރު އެޅި ކަމަށް ވިދާޅުވިއެވެ.
މީރުމާގައި މިއަދު ބޭއްވި ބައްދަލުވުމަކީ ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި އަދި އަންހެނުން އާދަޔާ ހިލާފަށް ބަރުދަން އިތުރުވުން ހައްލުކުރުމަށް އަމާޒުކޮށްގެން ބާއްވާ އެފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ ޔުނިސެފާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޕީއޭ އަދި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.