ހައިކޯޓު

ބަލައި ފާސްކުރުމުގެ އަމުރު ނެރުމަށް އިންޓެލިޖެންސް ރިޕޯޓަށް ރިއާޔަތް ކުރެވިދާނެ: ހައި ކޯޓު

ޖިނާއީ މައްސަލަތަކުގައި ތަންތަން ބަލައި ފާސްކުރުމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ އެފަދަ އަމުރެއް ނެރުމަށް ރިއާޔަތްކުރެވިދާނެ ފަދަ އެއްޗެއް ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ހައި ކޯޓުން އެގޮތަށް ކަނޑައެޅީ މަސްތުވާތަކެތީގެ މައްސަލަތަކަކާ ގުޅިގެން ބަލައި ފާސް ކުރުމުގެ އަމުރަކަށް ފުލުހުން ދަށު ކޯޓުގައި އެދުމުން އެފަދަ އަމުރެއް ނެރެ ނުދިން މައްސަލައެއްގަ އެވެ.

އެފަދަ ތިން އަމުރަކަށް އެދުމުން އެ ތިން މައްސަލާގައި ވެސް ދަށު ކޯޓުން ނިންމާފައިވަނީ ބާރު ދޭ އިތުރު ހެއްކެއް ނުވަތަ ގަރީނާތަކެއް ނެތީސް، ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް އެފަދަ އަމުރެއް ނެރެ ނުދެވޭނެ ކަމަށެވެ.

އެ އަމުރުތައް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ހައި ކޯޓުން ވަކިވަކިން އިއްވި ހުކުމުގައިވަނީ ތަނެއްގައި ކުށެއް ކުރާކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ނަމަ ނުވަތަ މައްސަލައަކާ ގުޅޭ ހެކި، ތަނެއްގައި ހުރި ކަމަށް ގަބޫލު ކުރެވޭ ނަމަ އެފަދަ ތަނެއް ބަލައި ފާސް ކުރުމުގެ އަމުރު ނެރެވިދެވިދާނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ކަމަށެވެ.

އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އޮތްގޮތުން އެ ގާނޫނުގައި ބުނާ ފަދަ ކުށެއް ކުރާ ކަމަށް ނުވަތަ މަސްތުވާއެއްޗެއް ތަނެއްގައި ހުރި ކަމަށް ގަބޫލު ކުރެވޭ ނަމަ، އެކަށީގެންވާ ހެކި ނެތަސް ބަލައި ފާސް ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް އެ ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ އެ މަރުހަލާގައި ފުލުހުން ހުށަހަޅާ ސަބަބުތަކަށް ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭނީ އެއީ އެކަށީގެންވާ ސަބަބެއްތޯ ނުވަތަ ނޫންތޯ ބަލައި، އަދި އެއީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކުރާ ސަބަބުތަކަކީ ބުއްދި ސަލާމަތުން ހުރި އިންސާނަކަށް އެ ވާހަކަތައް އަޑުއިވުމުން އެއީ ދޮގަކަށް ވުރެ ބޮޑަށް ތެދެއް ކަމަށް ގަބޫލުކުރެވޭ ނަމައެވެ.

އަދި އެއީ ބަލައި ފާސްކުރުމުގެ އަމުރު ދޫކުރުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި އެ މަރުހަލާގައި ބަލަންޖެހޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ މީހުން އުޅޭ ތަންތަން ފާސް ކުރުމުގެ އަމުރަށް ފުލުހުން އެދެންވާނީ އެކަމުގެ ބޭނުންތެރިކަމެއް އޮވެގެން ކޮންމެހެން އެފަދަ އަމުރެއް ހޯދަންޖެހޭ ހާލަތުގައި އެކަނި ކަމަށެވެ.

އަދި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން އެކަން ކަށަވަރު ކުރުމުގެ އިތުރުން ފުލުހުން ހުށަހަޅާ އިންޓެލިޖެންސް ރިޕޯޓުގައިވާ ކަންކަން އިތުރަށް އޮޅުން ފިލުވުމުގެ ބާރު ވެސް ފަނޑިޔާރުންނަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.