ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫއަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް ނަޝީދުގެ ބޭފުޅަކަށް ވާތީކީ ނޫން: އައްޑޫ ޝަރީފް

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވީ ކޮންމެހެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭފުޅަކަށް ވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އައްޑޫ ޝަރީފް ވިދާޅުވީ އިބޫއަށް ރައީސް ނަޝީދު ތާއީދުކުރެއްވީމާ އެމްޑީޕީގެ ކޮންގްރެސްއިން ބޮޑު އަޣުލަބިއްޔަތެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަކު އެމްޑީޕީ ކޮންގްރެސްއިން ގިނަ މެމްބަރުން އިބޫއަށް ވޯޓުދެއްވީ އެންމެ ގާބިލް ބޭފުޅަކީ އެމަނިކުފާނު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ރައީސް ނަޝީދުގެ ބޭފުޅަކަށް ވެގެން ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރައީސް ނަޝީދު އެމަނިކުފާނަށް ތާއިދުކުރެއްވި. ތާއިދުކުރެއްވީމަ ބޮޑު އަޣުލަބިއްޔަތެއް ލިބުން އެކަށީގެންވޭ. އެހެންނަމަވެސް ކޮންގްރެސްގެ ގިނަ މެމްބަރުންނަށް ކުފޫ ހަމަވާ ކަމަށް، ޝަރުތު ހަމަވާ ކަމަށް ގަބޫލުކުރެވުނީމާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވިގެން އެދިޔައީ. ރައީސް ނަޝީދު ބޭނުންފުޅު ވިޔަސް، އެކަމަށް ތަސައްރަފް ނުފުދޭ މީހަކު އެމްޑީޕީގެ ކޮންގްރެސްއިން ހޮވުމަކީ ނާދިރު ކަމެއް،" އޭނާ ވިދާޅުވިއެވެ.

އައްޑޫ ޝަރީފް ވިދާޅުވީ ރައީސް ނަޝީދަކީ ގިނަ ބައެއްގެ ތާއީދު އޮންނަ ބޭފުޅެއް ކަމަށާއި ރައީސް ނަޝީދު ތާއީދުކުރައްވާ ބޭފުޅަކަށް އެމްޑީޕީގެ ތެރެއިން ކާމިޔާބުތައް ހޯދޭނެ ކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނުފޫޒު ގަދަ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނުފޫޒަކީ އަބަދުވެސް ރައްޔިތުން އެމީހަކަށް ދިނީމަ ލިބޭ އެއްޗެއް. އެމީހަކަށް އަމިއްލައަކަށް ނުފޫޒެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި، ރައީސް ނަޝީދު ވިދާޅުވާގޮތަށް ހަދަން ތިބި ކަމަށްވަންޏާ ޝައްކެއްނެތް އެމަނިކުފާނުގެ ނުފޫޒު ހުރިހާ ކަމެއްގައި ވެސް އޮންނާނެ. އެއީ އެކަން އޮންނާނެ ވެސް ގޮތް،" އޭނާ ވިދާޅުވިއެވެ.

އައްޑޫ ޝަރީފް އިތުރަށް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ނުފޫޒުގަދަ ބޭފުޅުން ތިއްބަވާނެ ކަމަށާއި އެކަމަކު އިބޫއަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އެމްޑީޕީގެ ކޮންގްރެސްއިން ވޯޓު ދީގެން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރި ގޮތުގައި ގުޅިފައިވާ ބޮޑު ސިޔާސީ ޕާޓީތަކެއްގެ މެދުގައި އަޅުގަނޑުމެން މީހަކު ކަނޑައަޅަން ޖެހިފައި އޮތް ދަނޑިވަޅެއްގައި އެންމެންނަށް ގަބޫލުކުރެވޭ މަޑުމައިތިރި، އަދި އެންމެންނާއެކު ސުލްހަވެރިކަމާއެކު ކެތްތެރިކަމާއެކު ވާހަކަދައްކަވައިގެން އެންމެންގެ ޝުއޫރާއި ވިސްނުން ހިމަނައިގެން ވެރިކަން ކުރެއްވުމުގެ އެންމެ ގާބިލް ބޭފުޅެއް ކަމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހާޒިރުވި ގިނަ އަދަދެއްގެ މެމްބަރުންނަށް ފެނިވަޑައިގަތީމާ އެބޭފުޅުންގެ ވޯޓަކުން ހޮވުނީ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 262،135 މީހުންގެ ތެރެއިން 233،889 މީހުން ވަނީ ވޯޓުލައިފައެވެ. ބާތިލްވެފައިވަނީ 3132 ވޯޓެވެ. އިންތިހާބުގައި އިބޫއަށް 134،704 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.