ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، އެ ހައްގުތަކުން އެންމެ ބޮޑަށް މަހުރޫމު ކޮށް ނިކަމެތި ކޮށްފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައެވެ. ރައީސް މިއަދު ވިދާޅުވީ މީގެ 36 އަހަރު ކުރިން ދިވެހިން ތަޖުރިބާކުރި ނުރައްކާތަކުގެ ހަނދާން އާކޮށް، ރާއްޖޭގެ ނަސްރުގެ ދުވަސް މިއަދު ފާހަގަކުރާ އިރު، ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާން ޖެހިފައިވާ މުސްލިމް އަހުންނާއި އުހުތުންތަކެއްގެ ވޭނާއި ކެކުޅުމުގެ އަޑުތައް އަޅުގަނޑުމެންގެ ވަށައިގެން ގުގުމަމުންދާ ކަމަށެވެ.
ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ގޮސްފައިވާ ކަމަށާއި ފަލަސްތީނުގެ ގާޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން އެދަނީ މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ހައްގުތަކުން މަހުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތިކަމުން އެމީހުން މިންޖުކޮށް، ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުންނަށް ފުރިހަމަ ނަސްރެއް ދެއްވައި، އެ މީހުންގެ އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
ޒަޔަނިސްޓު ޔަހޫދީންގެ އަނިޔާވެރި އަމަލުތަކުގައި ޝަހީދުވަމުންދާ ފަލަސްތީނުގެ އެންމެހައި އަހުންނާއި އުހުތުން، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިއުމަތުގައި ލެއްވުން އެދޭ ކަމަށާއި ގާޒާ އާއި ހުޅަނގު އައްސޭރީގައި އިޒްރޭލްގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުގައި ޒަހަމްވެ އަނިޔާ ލިބެމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.