އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން (އައިއޭސީ) އިން ގާޒާއަށް 20،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފިއެވެ.
އައިއޭސީން މިއަދު ބުނީ ދިވެހިން އެހީގައި މިއަދު ގާޒާގެ އަލް އަގްސާ މާޓިޔާސް ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.
އައިއޭސީން އާއްމުކުރި ވީޑިއޯ މެސެޖެއްގައި އެ ހޮސްޕިޓަލުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު އަލް ޙާޖު ވަނީ ދިވެހިން ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިންނާއި އައިއޭސީއަށް ޝުކުރު އަދާކުރައްވައިފައެވެ.
އައިއޭސީން ބުނި ގޮތުގައި އެ ތެލަކީ، އެ ޖަމިއްޔާގެ ގުރައުންޑް ޓީމުގެ ބުރަ މަސައްކަތުން ގާޒާގެ އެތެރޭން ހޯދުމަށްފަހު ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދީފައިވާ ތެޔޮ ކަމަށެވެ.
އައިއޭސީން އިތުރަށް ބުނީ އިޒްރޭލުން ހަމަލާތައް ދިން ނަމަވެސް ގާޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާ ނުލާނެ ކަމަށާއި ބޮން އަޅާތީ ބިރުން ގާޒާގެ ރައްޔިތުންނަށް އެހީ ދިނުން ހުއްޓާނުލާނެ ކަމަށެވެ.
ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތައް ފުރި ބާރުވެފައިވާ އިރު، ތެޔޮ ހުސްވެގެން ގާޒާގައި ހުރި 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލު ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ގާޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލު ކަމަށްވާ ޓާކިޝް-ޕަލަތީނިއަން ފްރެންޑްޝިޕް ހޮސްޕިޓަލު ވެސް ވަނީ އިއްޔެ ބަންދުކޮށްފައެވެ. އަދި 72 ކްލިނިކުގެ ތެރެއިން 50 އަށްވުރެ ގިނަ ކްލިނިކް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގާޒާއިން މިހާތަނަށް 8،796 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.