ޚަބަރު

މެލޭޝިއާގައި ބޭއްވި ހެކަތޯންއަކުން ދިވެހި ކުދިންތަކެއް އެއްވަނަ ހޯދައިފި

މުހައްމަދު އައުޒަމް

މެލޭޝިއާގައި ބޭއްވި ހެކަތޯންއަކުން ދިވެހި ކުދިންތަކެއް އެއްވަނަ ހޯދައިފިއެވެ.

މެލޭޝިއާގެ މަލްޓި މީޑިއާ ޔުނިވަރސިޓީ ސައިބަރ ޖަޔަރގައި ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި މި ހެކަތޮންގައި 30 ޓީމް ބައިވެރިވެފައިވެއެވެ.

މި ހެކަތޯން އިން އެއްވަނަ ހޯދި ދިވެހި ޓީމުގެ ފަރާތުން "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ޓީމުގެ މެމްބަރު މާކިން މައުރޫފް ބުނީ މުބާރާތުގެ މައުލޫމާތު ލިބުމާއެކު މުބާރާތުގައި ބައިވެރިވުމަށް ޓީމް މެމްބަރުންގެ މަޝްވަރާއާ އެކީ އެންމެން މަސައްކަތް ފެށީ ކަމަށެވެ.

މާކިން އިތުރަށް ބުނީ ހެކަތޯންގައި ބޮޑެތި އަދި ވާދަވެރި ޓީމުތައް ބައިވެރިވި ކަމަށާއި އެއްވަނަ ލިބުނީ ޓީމުން ނެގި އައިޑިއާގެ މޮޅުކަމުން ކަމަށެވެ.

ދިވެހި ޓީމުން މިހެކަތޯންގައި ވަނީ ޔުނިފައިގެ ކަސްޓަމަރުންގެ މެދުގައި އޮންނަ އެންގޭޖްމެންޓް އިތުރުކުރުމަށް ޕްލެޓްފޯމެއް އުފައްދައިފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ފޯރަމެއްގެ ގޮތަށް މަސައްކަތްކޮށް އެއް ކަސްޓަމަރަކު އަނެއް ކަސްޓަމަރަކާ އޮންނަ ކޮމިއުނިކޭޝަން ރަނގަޅު ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވެއެވެ. އެގޮތުން ދިމާވާ މައްސަލަތައް ހިއްސާކުރުމުގެ އިތުރުން އެންމެންގެ މެދުގައި މަޝަވަރާކޮށް ހައްލު ހޯދުން ހިމެނެއެވެ.

މާކިން ބުނީ މިލިބުނު ކާމިޔާބީގެ ފަހަތުގައި ވަނީ ޓީމުގެ މަސައްކަތް ކަމަށާއި އެގޮތުން ޓީމުގެ އަނެއް ދެ ބައިވެރިން ކަމުގައިވާ މާއިޝް އަދި މާދިން އަށް ޝުކުރު ދަންނަވާ ކަމަށެވެ.

ހެކަތޯން އިން އެއްވަނަ ހޯދި ދިވެހި ޓީމަށް ވަނީ އިނާމުގެ ގޮތުގައި 10،000 ރިންގިޓް ލިބިފައެވެ.