ބ. އަތޮޅުގެ، ދަރަވަންދޫ ތިލަ އަދި ބ. އިންނަފުށި ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހަދެއްގެ ގޮތުގައި އެންވަޔަރުމެންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ "ގުދުރަތީ ނުވަތަ ތަބިއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު" ގެ ދަށުން މިއަދުން ފެށިގެން އެ ދެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ދަރަވަންދޫ ތިލައަކީ ބ. ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ ގުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ ތިލައެއް ކަމަށާއި އެތަނަކީ މުރަކަ އާއި ފަރުމަހުގެ ދިރުންތައް ގިނަ ސަރަހައްދަކަށްވުމުން، އެއީ ޑައިވަރުންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިތަނުގެ އެންމެ ހާއްސަ އެއް ސިފައަކީ މިތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ ކްލީނިން ސްޓޭޝަން އެއް އިންނަ ކަމެވެ. އަދި މި ތަނުން 2020 ގެ ނިޔަލަށް 521 އެންމަޑި 1672، ފަހަރު ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވޭ" މިނިސްޓްރީން ބުންޏެވެ.
ބ. އިންނަފުށި ސަރަހައްދަކީ ބ. ފުޅަދޫގެ އިރު އުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގެ އިރުމަތި ފަރާތުގައި ހިމާޔަތްކޮށްފައިވާ ކޯބިން ރެކް އޮންނަ ސަރަހައްދުގެ އިތުރުން އިންނަފުށި ރަށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދުގައިވާ ފިނޮޅުތަކަކީ އައިންމަތީ ދޫނީ އަރާމުކޮށްލުމަށާއި ބިސް އެޅުމަށްވެސް ބޭނުންކުރާ މާހައުލެއް ކަމަށެވެ. އަދި އިންނަފުށި ސަރަހައްދުގެ އޮއެވަރު ދެމެހެއްޓުމަށް އެ ފިނޮޅުތަކަށް ބަދަލު ނުގެނެސް ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އިންނަފުއްޓާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ މުރަކައިގެ ގިނަ ބާވަތްތަކެއް އުފެދިފައިވާ އަދި މަސްމަހާމެހިން މުއްސަނދި ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންނަފުއްޓަކީ 2017 ވަނަ އަހަރު ރިސޯޓު ހަދަން ކުއްޔަށް ދޫކުރި ރަށެކެވެ. އެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ ސީމާކް ޕްރައިވެޓް ލިމިޓެޑަށެވެ. ނަމަވެސް 2019 ޖޫން 24 ގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އިންނަފުށީގައި ރިސޯޓު ހެދުމުގެ މަސައްކަތް މަޑުޖައްސާލުމަށް އަންގައިފައެވެ. އެގޮތަށް އެންގީ އެއީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކަށްވުމުންނެވެ.
އެރަށް އޮންނަ ސަރަހައްދު، ބަޔޮސްފިއާ ރިޒާވާ އެކު، މުޅި ސަރަހައްދު ނެޗުރަލް ރިޒާވަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.