ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނާ އެއްގޮތަށް ކުރިއަށްދާނެ: ރައީސް

ތ. ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއު ޕްލޭނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ހިރިލަންދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރުއޮތް ޕްލޭނާ އެއްގޮތަށް ކުރިޔަށްދާނެކަމަށް ވިދާޅުވިއެވެ.

އަދި އިތުރަށް އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހިރިލަންދޫ ކައުންސިލު މެންބަރުން ވަނީ އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަކުރައްވައި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ބިންހިއްކުމުގެ މަޝްރޫއާއި ސިއްހީ ދާއިރާއިން ހުރި ދަތިތަކާއި، ބަނދަރުގެ ރަނގަޅު ކުރަންހުރި ކަންކަން ހިމެނެއެވެ.