ޚަބަރު

މަދަނީ އަބްދުﷲ މެލޭޝިއާއަށް އެތެރެވިޔަ ނުދީ ޑީޕޯޓް ކޮށްލަނީ

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރަކަށް ހުންނެވި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާއަށް އެތެރެވިޔަ ނުދީ، އެ ގައުމުން ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ހިފެހެއްޓީ އިއްޔެގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގަތުމުންނެވެ. ނަމަވެސް އޭނާ ހިފެހެއްޓި ސަބަބެއް ނޭނގެއެވެ. އެ މައުލޫމާތެއް މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނަކުންވެސް އަދި ފޮރިން މިނިސްޓްރީއަކުންވެސް ނުދިނެވެ.

އެނގިފައިވާ ގޮތުގައި އަބްދުﷲ އަދިވެސް ހުރީ އެއާޕޯޓުގައެވެ. އަދި އެންމެ އަވަހަށް ހަމަޖެހޭ ފްލައިޓަކުން އޭނާ އަނބުރާ ރާއްޖެ ފޮނުވާލާނެކަން އެނގިފައިވެއެވެ.

އަބްދުﷲ މެލޭޝިއާގައި ހިފެހެއްޓީ ޓެރަރިޒަމަށް ހިތްވަރު ދޭ މީހެއް ކަމަށް އެ ގައުމުން ލިޝްޓުކޮށްފައި އޮތުމުން ކަމަށް ދިވެހި މީޑިއާތަކުގައި ރިޕޯޓްކުރި ނަމަވެސް، އެކަން އަދި ކަށަވަރެއް ނުވެއެވެ.

މަދަނީ އަބްދުﷲ އަކީ ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މެމްބަރެކެވެ. އޭނާއަކީ ޗެނަލް 13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގްރާމްގައި މި ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހެއްދެވި ބޭފުޅެކެވެ.