ޚަބަރު

ސީލައިފް މައްސަލައިގައި އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް އަށް އެދެފި

އިބްރާހިމް ޒަކީ

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް އަށް އެދެފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ފްލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އަޅައިނުދީ، އަދި އެ ފައިސާވެސް ދީފައިނުވާ މައްސަލައިގައި، އައްމަޓީ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެދޭން ފުލުހުން އެދިފައިވާ ކަމަށެވެ.

ސީލައިފް މައްސަަލައިގައި ފައިސާ ހޯދުމަށް އެތައް ބަޔަކު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

ފުލުހުން އެ މައްސަލަތައް ބަލަން ފެށުމާއި ގުޅިގެން އަހުމަދު މޫސާ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދިރިއުލެމުންދަނީ އިންޓަޕޯލްގެ މެންބަރުގައުމެއް ކަމުގައިވާ ސްރީލަންކާގައެވެ.

ހުޅުމާލެ ޓްރީޓޮޕް ހިސްޕިޓަލާ ދިމާލުން ސީލައިފްއާ އެޗްޑީސީން ބުމެއް ހަވާލުކުރީ އެތަނުގައި ތިންހާސް ހައުސިން ޔުނިޓް އެޅުމަށްޓަކައެވެ. ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހުގައިވެސް ހައުސިން ޔުނިޓްތައްއަޅާފައި ނުވުމާއި ފައިސާވެސް ދީފައިނުވާތީ، 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

ސީލައިފްގެ އެފަދަ އެތައް މައްސަލައެއް އޭސީސީއާއި ކޯޓުތަކުގައި ހިނގަމުންދާއިރު، ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް ވަނީ އަހުމަދު މޫސާ ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ.