ޚަބަރު

ސައުތް އޭޝިއާ ސަރަހައްދުގެ ތަކާފުލް ވިންޑޯ އެވޯޑް މި އަހަރުވެސް އަޔާދީ ތަކާފުލްއަށް

އައިޝަތު އަފްޝަން

އެލައިޑް އިންޝުއަރެންސްގެ އިސްލާމީ ވިންޑޯ، އަޔާދީ ތަކާފުލްއަށް އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އިން ދޭ ސައުތް އޭޝިއާ ސަރަހައްދުގެ ތަކާފުލް ވިންޑޯ އެވޯޑް މިއަހަރުވެސް ލިބިއްޖެއެވެ.

އިފްސާ އިސްލާމިކް ފައިނޭންސް އެވޯޑަކީ އޭޝިއާ ސަރަހައްދުގެ އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތް ދިނުމުގައި މުޖުތަމައަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މި މަހުގެ 26ގައި ބޭއްވި ރަސްމިއްޔާތެއްގައި އަޔާދީ ތަކާފުލްއަށް އެވޯޑް ލިބިފައިވަނީ "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ"ގެ ކެޓަގަރީންނެވެ. މިއީ 2018 ވަނަ އަހަރުން ފެށިގެން އަޔާދީން ވިދިވިދިގެން އެ އެވޯޑު ހާސިލުކުރި ފަސްވަނަ ފަހަރެވެ.

މީގެ ކުރިންވެސް އިފްސާ އެވޯޑުގައި އަޔާދީން ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އަދި 2021 ވަނަ އަހަރު ދޫކުރި "އަހަރެންގެ ހިޔާ" އިންޝުއަރެންސް ސްކީމަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ސިލްވާ އެވޯޑު ލިބިފައިވެއެވެ.