އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
އެ ޕެޓިޝަނަކީ "ރައިޓް މޫވްމަންޓް" ކިޔާ ޖަމިއްޔާއަކުން އިސްނަގައިގެން ހުށަހަޅާ ޕެޓިޝަނެކެވެ. އެ ޖަމިއްޔާއިން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ޕެޓިޝަނަކީ އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު، ނަސްލު ނައްތާލުމުގެ އުދުވާނާ ދެކޮޅަށް، އެކަން ހުއްޓުވުމަށާއި، އެކަމާ ގުޅިގެން އިސްލާމީ އުންމަތައް ދިމަވެފައިވާ ހިތާމައިގައި ދިވެހި ރައްޔިތުން ބައިވެރިވުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށް، އެއްވެސް ސިފައެއްގައި އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.
ރައިޓް މޫސްވަންޓުން ފޭސްބުކްގައި ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޕެޓިޝަނަށް ސޮއި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށެވެ. އަދި އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުގައި އެ ޕެޓިޝަނުގައި ސޮއި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށް، އެ ގައުމާ ހާރިޖީ ގުޅުން ކަނޑާލުމަށް ގޮވާލާ ކެމްޕޭނުތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ރާއްޖެ ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދާތީ ރާއްޖޭގައި ހުރި އިޒްރޭލުގެ ފަތުރުވެރިޔަކު ފާޑު ކިޔައި ނުރުހުން ފާޅުކުރުމުން އޭނާ ޑީޕޯޓު ކުރުމަށްވެސް ގޮވާލިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، މިހާތަނަށް ދިން ހަމަލާތަކުގައި 8،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.