ޗާގޯސް މައްސަލައިގައި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދުގެ މައްސަލަ އާއި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލަ ހައްލުވެއްޖެނަމަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ފާސް މާކްސް ދޭނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންޑިއާގެ ސިޔާސަތީ ބާރު ރާއްޖޭގެ މައްޗަށް އޮތުން ކަމަށާއި އެ މައްސަލައަށް ހައްލެއް ލިބެން ޖެހޭނެ ކަމަށެވެ. އަދި މައްސަލައަކަށްވެގެން އުޅެނީ އިންޑިއާގެ އާންމުން ރާއްޖޭގައި އުޅޭތީ ނޫން ކަމަށާއި އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ވިއްކާލި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން ހޯދުމަށް އިޓްލޮސްގައި އެ މައްސަލައިގެ އިސްތިއުނާފު ރަޖިސްޓަރީ ކުރަން ޖެހޭ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައިވެސް އެކަން ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ކޮމްޕްރޮމައިޒް ނޯންނާނެ ދެ މައްސަލަ މި ދެންނެވީ. ދިވެހިރާއްޖޭގެ ސަަރަހައްދު ގެއްލުނު މައްސަލައިގައި ކޮމްޕްރޮމައިޒް އެއް ނޯންނާނެ. އެގޮތެއް ހެވެއް ނޫން. އަދި ހަމަ އެހެންމެ، އިންޑިއާ އަސްކަރިއްޔާ ތިބޭ ތިބުމުގައި ކޮމްޕްރޮމައިޒެއް ނޯންނާނެ. އެކަމެއް ހެވެއް ނޫން. އެ ނޫން އެހެން ހުރިހާ ކަންކަމަކީ އަޅުގަނޑުމެންނަށް ދޫދެވިދާނެ ކަންކަން،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް-ޕީއެންސީއަށް ރާއްޖޭގެ ރައްޔިތުން ވެރިކަން ދިނީ، އެ ދެ މައްސަލަ ހައްލު ކުރުމަށެވެ.
"މި ދެ މައްސަލަ ހައްލުވެއްޖެއްޔާ އަޅުގަނޑަށް ފުދޭ. އެވަރުން އަޅުގަނޑު ބުނާނަން ދިވެހި ރައްޔިތުން ޕީޕީއެމް-ޕީއެންސީގެ ވެރިކަމަށް މިހާރު ހޮވިފައި ހުރި ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދޭނެއޭ. އެވަރުން ފާސް މާކްސް ދޭނެއޭ" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އިންޑިއާއަށް މުއްދަތުތަކެއް ދީގެން އެގައުމުގެ ސިފައިން ރާއްޖެއިން ބާލަން ޖެހޭ ކަމަށާއި ޑރ. މުއިއްޒުގެ ސަރުކާރުގެ ބޮޑުބައި ނުދަނީސް އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފައިބަން ވާނެ ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ، އެހެން ސިޔާސީ ލީޑަރުންނާއި އެމަނިކުފާނާ ހުރި ތަފާތަކީ ވެރިކަމެއް ލިބިގެން އަމިއްލަ މަންފާއަށް ބޭނުންވާނެ އެއްވެސް ކަމެއް ނެތުން ކަމަށާއި ހަމައެކަނި ބޭނުންފުޅުވާ ކަމަކީ ގާނޫނު އަސާސީ ރަނގަޅަށް ތަންފީޒު ކުރެވުން ކަމަށެވެ.