ޚަބަރު

ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 9:00ން 1:00 ކަމަށް ހަމަޖައްސައިފި

އިބްރާހިމް ޒަކީ

އަންނަ ރަމަޟާންމަހު ސަރުކާރުގެ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން ފެށިގެން މެންދުރު 1:00 އަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ބުނެފައިވަނީ، މިހިނގާ 1440 ވަނަ އަހަރުގެ ރަމަޟާންމަހާއި މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިކަމަށެވެ.

މިގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ތަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މެއި މަހުގެ ހަވަނަ ދުވަހެވެ.