ޚަބަރު

ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ ޝަރީއަތް އަވަހެއް ނުކުރާނަން: ގާޒީ

މުހައްމަދު އިޝާން

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސް ނުކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، މައްސަލައިގެ ޝަރީއަތް އަވަސް ކުރެވެން ނެތީ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށާއި ކްރިމިނަލް ކޯޓުގައި ދުވަސްވީ މައްސަލައަކަށް އޮތީ ހަމައެކަނި މި މައްސަލަ ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ އަވަސްކުރުމަށް ވަކި ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އެކަމަކު ދަންނަވާލަން. މި އަންނަ މަހު މި މައްސަލައިގެ ތިން އަޑުއެހުމެއް މިހާރު ވާނީ ތާވަލުކުރެވިފައި،" ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔައީ ދައުލަތުން ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. ދައުލަތުން ވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ސިއްރު ހެކިންނާއި ފޮރެންސިކް ހެކި އަދި އިންޓެލިޖެންސް ރިޕޯޓުތަކުގެ އިތުރުން ކިތާބީ ހެކި ހުށަހަޅައިފައެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައިވަނީ ނުވަ މީހެއްގެ ދައުވާކޮށްފައެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ވަނީ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތަށް:

- އަދުހަމް އަހުމަދު / ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ/ ކުށް ސާބިތުވުމުން 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ ވަނީ - އަބްދުﷲ އަލީ މަނިކު / ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ/ ކުށް ސާބިތުވުމުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ - ތަހުމީން އަހުމަދު /ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަޑށް އެހީތެރިވުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން/ ޝަރީއަތް ކުރިއަށް ދަނީ - އަލީ ހައިޝަމް / ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަޑށް އެހީތެރިވުން/ ޝަރީއަތް ކުރިއަށް ދަނީ - މުޖާޒް އަހުމަދު / ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުން/ ޝަރީއަތް ކުރިއަށް ދަނީ - ފަހުމީ އަލީ / ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން/ ޝަރީއަތް ކުރިއަށް ދަނީ - މުހައްމަދު ނާޒިމް/ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން/ ޝަރީއަތް ކުރިއަށް ދަނީ - އިސްހާގު / ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން/ ޝަރީއަތް ކުރިއަށް ދަނީ - މުހައްމަދު ތަސްލީމް/ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ/ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ

ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟